އޮމާންގެ އައްސޭރިފަށުން 17 ނޯޓިކަލް މޭލު ބޭރުން ހުރްމުޒް ކަނޑުއޮޅިން ބޭރުވަމުންދިޔަ ބައިނަލްއަގުވާމީ ތެޔޮ ޓޭންކަރަކަށް ވަރަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލައިބީރިއާގެ ދިދަ ޖަހާފައިވާ 'ސެނެގާލް ޕްރޮސްޕެރިޓީ' ނަމަކަށް ކިޔާ މި އުޅަނދަށް ހަމަލާދީފައި ވަނީ ރާއްޖޭގެ ގަޑިން ރޭ ދަންވަރު 01:00 އެހައިކަންހާއިރުއެވެ.
މި ހަމަލާގައި އުޅަނދުގެ އިންޖީން ރޫމަށާއި ބެލަސްޓް ޓޭންކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުވާސަލާތީ ގުޅުން ކެނޑުނު ނަމަވެސް، ފަޅުވެރިންގެ އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
މި ހަމަލާގެ ރަސްމީ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވި ނަމަވެސް، ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މީގެ ފަހަތުގައި ވަނީ އީރާނެވެ. ސަބަބަކީ މި ހަމަލާ އަމާޒުވެފައިވަނީ، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ގާއިމްކޮށްފައިވާ މައިންތައް ނައްތާލުމަށް އެމެރިކާ ސިފައިން ދާދިފަހުން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އެމެރިކާގެ އަސްކަރީ ރައްކާތެރިކަމަށް ބަރޯސާވެގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ހުއްޓުވާނެ ކަމަށް އީރާނުން އިންޒާރުދީފައި ވަނިކޮށެވެ.


