މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަކީ މައްސަލަތަކުގައި ޕެޗު އަޅައި އެމައްސަލަތައް ފޮރުވަން އުޅޭ ބައެއް ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އެޕްރޯޗަކީ މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވުން ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއިން ގެނެސްދިން "ބާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގެމަނަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ވަނީ، ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދާއިމީ ހައްލު ހޯދުމުގެ ސިޔާސަތު އެއްވެސް ބަޔަކު ނުގެންގުޅުއްވާ ކަމަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަކީ އެއްވެސް އިޚްލާސްތެރި ބައެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް މަސްވެރިންނާއި ގުޅޭ ކުއްލި މައްސަލައެއް ވެއްދީ ސީދާ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅައި ވަގުތުތައް ބޭކާރު ކުރުވަން ކަމަށް ވިދާޅުވިއެވެ. އަސަދު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް މަސްވެރިންނާއި ގުޅޭ ކުއްލި މައްސަލަ ހުށަހެޅިއިރު ރައީސް މުއިއްޒުގެ ސަރުކާރުންވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ނިންމާފައެވެ.
"މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން އެމްޑީޕީން ކުއްލި މައްސަަލައެއް ހުށަހެޅިއިރު މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި. ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުންދާ ކިޔަވާކުދިންގެ ފައިސާ ނުލިބިގެން ކުއްލި މައްސަލައެއް ހުށަހެޅިއިރު އެފައިސާ ދީ ނިންމައިފި. މަޖިލީހުގެ ވަގުތު ނަގާލުމަކީ ރަނގަޅު ކަމެއް ނޫން. އިހުލާސްތެރި ހިތަކާއިގެން ހުށަހެޅި މައްސަލައެއް ނަމަ ކީއްވެތޯ ކުރިން ހުށަނޭޅީ. ނޫނީ އެ މައްސަލައިގެ އަސްލަށް އެބޭފުޅުން ނުދަނީ." - އަސަދު ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވީ އެމްޑީޕީ ސަރުކާރުން ކްރިއޭޓްކުރި މައްސަލައަކުން ކަމަށާއި އެފައިސާ އަކީ އެމްޑީޕީ ސަރުކާރުން ނުދީ ހުރުމުން މިސަރުކާރަށް ވާރުތަވި އެއްޗެކެވެ. އަދި އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދައިދީފައި ނެތް ކަމަށްވެސް އަސަދު ވިދާޅުވިއެވެ.
"މަސްވެރިންނަށް ހަމަ ބިކަ ހާލު ޖައްސާފަ އެބޭފުޅުން ވެރިކަމުން ދުރުވީ. ދުރުވެފަ އަނެއްކާ މިބޭފުޅުން ވާރުތަކުރި ދަރަނި މިސަރުކާރުގެ ބޮލުގަ އަޅުވާ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާފަ މިފައިސާ ނުލިބެއޭ މިބުނަނީ. އެއީ އިހުލާސްތެރިކަމެއް ނޫން" އަސަދުﷲ ވިދާޅުވިއެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ރާއްޖޭގެ މަސްވެރިންނަށް ޔަގީންކަން ދެއްވީ އަދުގެ ރައީސް، މަސްވެރިންނަށް ދިމާވެފައިވާ ކަންތަކުގައި ފުރިހަމަ އަދި ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ފިޝަރީޒް މިނިސްޓަރު ވަރަށް ބުރަކޮށް އެ މަސައްކަތުގައި އުޅުއްވާ ކަމަށް ވިދާޅުވިއެވެ. "މަސްވެރިންނަށް ދެރަ ގޮތެއް މިސަރުކާރުން ނަހަދާނެ. މަސްވެރިން އުފާ ކޮށްދޭނެ، މަސްވެރިން ހިތްހަމަޖައްސައިދޭނެ މިސަރުކާރުން." ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.



