އިރާގުގެ ކިރްކުކްގެ މަތިން ދަތުރު ކުރަމުން ދިޔަ ތުރްކިޔޭގެ ޑްރޯން އެއް އިރާގުގެ އެއާ ޑިފެންސުން އިއްޔެ ވައްޓާލައިފިއެވެ. މި ޑުރޯން ވައްޓާލީ އިއްޔެ އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ބޭސްއެއްގެ މަތިންނާއި އަދި އިރާގުގެ ސަރުކާރުގެ އިމާރާތްތައް ފަދަ ނާޒުކު ތަންތަނުގެ މަތިން ދަތުރު ކޮށްފައި ވަނިކކޮށެވެ.
މި ހާދިސާއާ ގުޅިގެން ޑިޕްލޮމެޓިކް ރައްދުތަކެއް ލިބިފައިވާއިރު، ތުރްކިޔޭއިން ވަނީ އިރާގުގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށް ތަފްސީލުތައް ސާފުކޮށްދީފަ އެވެ.
ޑްރޯން ވައްޓާލުމުގެ ޒިންމާ ބަޣްދާދުން ފުރަތަމަ ނެގި ކަމަށް ބުނާ ރިޕޯޓްތަކެއްވެސް އެބަހުއްޓެވެ. ނަމަވެސް، ފަހުން ، ފުށުއަރާ ރިޕޯޓްތައް ފެންމަތިވިއިރު، އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލްގައި ބުނެފައި ވަނީ ބޯޓު ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ. ކުރުދީސްތާން ވޯކަރސް ޕާޓީ (ޕީކޭކޭ)ގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް އަމާޒުކޮށްގެން އުފައްދާފައިވާ މި ޖާސޫސީ ޑްރޯނަކީ ކުރުދީސްތާން ސަރަހައްދުގެ އެތެރޭގައި ތުރުކީން ކުރިއަށްދާ އަސްކަރީ ކެމްޕޭންގެ ބައެކެވެ.
ތުރުކީން ވަނީ މި ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް އިތުރުކޮށް، އާ އަސްކަރީ މަރުކަޒުތައް ގާއިމްކޮށް، ޕީކޭކޭގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. ޕީކޭކޭއާ ދެކޮޅަށް ބަޣްދާދާއި އަންކާރާއާ ދެމެދު އެއްބަސްވުންތަކެއް ހެދި ނަމަވެސް، އިރާގުގެ ބިމުން ސިފައިން ނެގުމަށް ތުރުކީން ވަނީ ދެކޮޅު ހަދާފައެވެ. ތުރުކީގެ އޮފިޝަލުން ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދެކޭ ޕީކޭކޭއާ ދެކޮޅަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.
އެންމެ ފަހުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ބޯޓު ވެއްޓުނު ސީދާ ސަބަބު ދެނެގަތުމަށް ޖޮއިންޓް ޓެކްނިކަލް ޓީމަކުން ދަނީ ތަހުގީގު ކުރަމުންނެވެ.



