ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ކުންފުނިތަކާ ބެހޭ ގަވާއިދާ ހިލާފުވެގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ބާތިލުކުރި "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މީގެ އިތުރުން ފިއުލް އެކްސްޕްރެސް މޯލްޑިވްސް ނަމުގައި ވެސް މި ކުންފުނީގެ ހިއްސާދާރުންނާއި ހާމިދުގެ އަންހެން ދަރިފުޅު ސޫރަ ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެއް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާކަން ވަނީ އެނގިފައެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލްކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން، އެ ކުންފުނިން މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަކުރެވިގެން ކަމަށެވެ.
މީގެ އިތުރުން، އެމްއެމްއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ "ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ." އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.
އެމްއެމްއޭގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، ޓިއާ 1 ކެޓަގަރީގައި މި ކުންފުންޏަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެ ލައިސަންސްގެ މުއްދަތު އޭޕްރީލް 14، 2031 ގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ނަމަވެސް، މުއްދަތު ހަމަވުމުގެ ކުރިން މަރުކަޒީ ބޭންކުން މިހާރު މިވަނީ އެ ހުއްދަ ބާތިލްކޮށްފައެވެ.
މި ކުންފުނީގެ ލައިސަންސް ބާތިލްކޮށްފައި މިވަނީ، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލެމުން ދާތީ އެފަދަ ވިޔަފާރިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް ހަރުދަނާކޮށް، ގަވާއިދުތައް ހަރުކަށިކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.



