ނޭޗަރ މަޖައްލާގައި ޝާއިޢުކުރެވުނު ދިރާސާއެއްގެ ހޯދުންތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ކެނެޑާގައި ހިނގި އަލިފާނުގެ ހާދިސާތަކުން، ޗައިނާ، އެމެރިކާ އަދި އިންޑިއާ ފިޔަވައި އެހެން ހުރިހާ ޤައުމަކަށްވުރެ ގިނަ މިންވަރަކަށް ކާބަން ޑައިއޮކްސައިޑް ވަނީ ޖައްވަށް ބޭރުކޮށްފައެވެ. މި ހާދިސާތަކަކީ ތާރީޚުގައި ފާހަގަކުރެވިފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން ބައެކެވެ. އާދަޔާ ޚިލާފު ފިނިހޫނުމިނާއި ހަނަފަސްކަމުގެ ސަބަބުން މި ހާދިސާތައް އިތުރަށް ގޯސްވެގެން ދެއެވެ.
ގާތްގަނޑަކަށް ފްލޮރިޑާގެ ބޮޑުމިނާ އެއްވަރުގެ، 15 މިލިއަން ހެކްޓަރުގެ ސަރަހައްދެއް އަނދައިގެން ދިޔައެވެ. މީގެ ސަބަބުން 647 ޓެރަގްރާމްގެ ކާބަން ޑައިއޮކްސައިޑް ވަނީ ޖައްވަށް ބޭރުވެފައެވެ. މިއީ ކެނެޑާގެ އަހަރެއްގެ މައްޗަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރަށްވުރެ 5 ގުނަ ގިނަ އަދަދެކެވެ.
ކެނެޑާގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާމެދު ދިރާސާވެރިން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. މި ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ އަންދާޒާތަކަށް ފާހަގަކުރެވޭފަދަ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ކާބަން ޑައިއޮކްސައިޑް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކެނެޑާގެ ޖަންގަލި ސަރަޙައްދުތަކުގައި، ގަސްތައް އަލުން އާލާވާ މިންވަރަށްވުރެ އަވަސް ސްޕީޑެއްގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ހަރުދަނާކަން ދަށްވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ދުނިޔެ ހޫނުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.


