އިމިގްރޭޝަނުން ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އަތޮޅުތަކަށް ފުޅާކުރަން ނިންމައިފިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު ވިދާޅުވީ، ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން އަތޮޅުތަކަށް ފިލަން މަސައްކަތްކުރަމުންދެއެވެ. މިގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެ ސިޓީއަށް ޤާނޫނާ ޚިލާފު ބިދޭސީން އަންނަމުންދާކަން އިމިގްރޭޝަނަށް އަންގާފައެވެ.
ޝަމްޢާން ވިދާޅުވީ ރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ފަށާފައިވާ އޮޕަރޭޝަނަކީ އޮތޯރިޓީތަކުން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށެވެ.
ޝަމްޢާން އިތުރަށް ހާމަކުރެއްވި ގޮތުގައި، 211 އިމިގްރޭޝަން އޮފިސަރުންގެ ޓީމަކުން ބޮޑެތި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސް، ގިނަ އަދަދެއްގެ ޤާނޫނާ ޚިލާފު ބިދޭސީން ދެނެގަނެވުނެވެ. އޭގެރެއިން ބައެއް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޕޯޓްކުރެވުނު އިރު، ބައެއް ޤާނޫނާ ޚިލާފު ވިޔަފާރިތަކަށް އެ ވިޔަފާރިތައް ޤާނޫނީ ގޮތުން ރަޖިސްޓަރީކުރުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދެވުނެވެ. އަދި މި މުއްދަތުގެ ތެރޭގައި ވިޔަފާރިތައް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވަނީ ޤާނޫނާއި ޚިލާފްވި 3،300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައެވެ.



