ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީން މިއަދު ގްރޭންޑް ޕާކްސައިޑްގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި އޮފިޝަލް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، ދާއިރާގެ ކުރިއެރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި ފޯރަމަކީ އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ މާހިރުންނާއި ކަމާގުޅުންހުރި އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ދާއިރާއަށް އަންނަ މުހިންމު ބަދަލުތަކާއި ކުރިމަތިވާ ގޮންޖެހުންތައް އަދި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު ފޯރަމެކެވެ.
މި ފޯރަމުގައި އެލައިޑް ތަމްސީލުކުރައްވައި، ކަސްޓަމަރ ސާވިސް މެނޭޖަރު ހުސައިން ސަވާދު ވަނީ "ރީ-އިންޖިނިއަރިންގ ސަޕްލައި ޗެއިންސް އިން އެން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" މި މައުޟޫއަށް ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވާފައެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ދިމާވާ ގޮންޖެހުންތަކާއި، ބަދަލުވަމުން އަންނަ ބާޒާރަށް ހޭނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެއިތުރުން، އެލައިޑްގެ އެސިސްޓެންޓް މެނޭޖަރ އޮފް ސޭލްސް މަރިޔަމް އަސްނާ ވަނީ "ސޭފްގާޑް ޔުއަރ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" މި މައުޟޫއަށް ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި، އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާއިރު ދިމާވެދާނެ އެކި ނުރައްކާތަކުން ރައްކާތެރިވުމަށް ރިސްކް މެނޭޖްކުރުމާއި، އެކަށީގެންވާ އިންޝުއަރެންސް ހައްލުތައް ހޯދުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އެލައިޑް އިންޝުއަރެންސުން ބުނިގޮތުގައި، މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ދާއިރާގެ އެކި ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ދާއިރާއަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.



