ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ދިރިއުޅުއްވާ ދުނިޔޭގެ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ އައްޝައިހް އަބޫ ތައިމިއްޔާ ހާއްސަ ދީނީ އަދި ތައުލީމީ ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން "އެންލައިޓްން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 9 ދުވަހުގެ މުއްދަތަށް، އޮގަސްޓް 19 އިން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތެކެވެ. މައިގަނޑު ގޮތެއްގައި ޒުވާނުންނާއި ފުރާވަރު އުމުރުފުރައަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ދަތުރުފުޅުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައިވެސް ތަފާތު ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މި ދަތުރުފުޅުގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެގޮތުން މާލޭގައި ޒުވާނުންނަށް ހާއްސަ ޑިނަރ އަދި ކޮފީ ބައްދަލުވުންތަކާއި، ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް އަމާޒުކުރެވިގެން ހިންގޭ ސެޝަންތައް ކުރިއަށްދާނެއެވެ. މީގެއިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެޝަންތަކާއި، އާންމު ދަރުސް، ހުކުރު ހުތުބާ، ކުޅިވަރު ހަރަކާތްތައް، އަންހެނުންނަށް ހާއްސަ ސެޝަނެއް، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގތަކުގެ އިތުރުން ދިވެހި ދީނީ އިލްމުވެރިންނާ އެކު ބާއްވާ ހާއްސަ ބައްދަލުވުމެއް ވެސް ކުރިއަށްދާނެއެވެ.
ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ޝެއިހް އަބޫ ތައިމިއްޔާ އޮގަސްޓް 23 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އައްޑޫގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އާންމު ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އޮގަސްޓް 25 ގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ސްކޫލް ސެޝަނަކާއި، ޒުވާނުންނާ އެކު ބާއްވާ ބައްދަލުވުމަކާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ އެއްބާރުލުމާއެކު ޢާންމު ދަރުސެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެއިތުރުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރުމާއި ފެތުމުގެ ހަރަކާތްތަކަށް ވެސް ދުވަހެއް ހާއްސަކުރެވިފައިވެއެވެ.
މި ޕްރޮގްރާމް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އެއްބާރުލުން ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ތައުލީމީ ވުޒާރާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލް ހިމެނެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޝެއިހް އަބޫ ތައިމިއްޔާ ފުރާވަޑައިގަންނަވާނީ މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.



