ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ
މިއީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ލިބިގެން ދިވެހިރާއްޖޭގައި ރަސްމީކޮށް ބޭންކިންގް ޚިދުމަތް ދޭންފެށި 9 ވަނަ ބޭންކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ މުޝީރު މުޙައްމަދު ޢަލީ ޖަނާހްގެ ފައުންޑަރކަމާއި މައިގަނޑު ހިއްސާއާއެކު އުފެއްދެވި މި ބޭންކުގެ ޗެއަރޕާސަން އަކީ އޭނާގެ ދަރިކަނބަލުން ޢާއިޝާ ނޫރްޢައިން ޖަނާޙް އެވެ. ނޫރްޢައިން އަކީ ފައިނޭންސް އަދި ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން އެމް.އޭ.ސީ.އެލް ގެ ވެސް ޗެއަރޕާސަން އެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްދެއްވުމަށް ބޭއްވި ޖަލްސަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބޭންކުގެ ޗެއާޕަސަން ޢާއިޝާ ނޫރައިން ޖަނާޙް އާއި ސަލާމް ކުރައްވާއިރު ވައަތްފަރާތުގައި އެ ބޭންކުގެ ފައުންޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް.
މި ހަފުލާއާއެކު ބޭންކުގެ ފުރަތަމަ ރަސްމީ ބްރާންޗު ހުޅުވައި، ކަސްޓަމަރުންނަށް ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕްރިމިއަރ ބޭންކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ހަނދާނީ ފިލާ އެމަނިކުފާނާއި ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޝެއަރ ހޯލްޑަރ އަދި ފައުންޑަރ މުޙައްމަދު ޢަލީ ޖަނާޙްއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ ޓެކްނޮލޮޖީއަށް ބިނާކޮށް، "ޑިޖިޓަލް-ފަސްޓް" އުސޫލުން ޚިދުމަތް ދިނުމަށް އިސްކަންދޭ ބޭންކެކެވެ. އެގޮތުން ބޭންކު ހުޅުވުމާއެކު، ކަސްޓަމަރުން ފަސޭހަކަމާއެކު ބޭންކިންގް މުއާމަލާތްތައް ކުރުމަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނަކާއި އިންޓަރނެޓް ބޭންކިންގް ޕޯޓަލްއެއް ވެސް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.
މި ބޭންކުން އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތަކަށާއި ޕްރިމިއަރ/ވީއައިޕީ ކަސްޓަމަރުންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފައިނޭންޝަލް ސޮފްޓްވެއަރ ކުންފުންޏެއް ކަމަށްވާ "ފިނާސްޓްރާ" ގެ ޒަމާނީ ސިސްޓަމްތައް މި ބޭންކުގައި ވަނީ ޤާއިމުކޮށްފައެވެ.



