މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަރަންޓު ވަޔަރިންގއަށް ބޭނުންކުރާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އުފައްދައި މިއަދު ބާޒާރަށް ނެރެފިއެވެ. މި އުފެއްދުން ބާޒާރަށް ނެރުމަށް އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
މި ކޮންޑުއިޓް ޕައިޕްތައް އުފައްދަނީ ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމްކުރި ކާރުޚާނާއިންނެވެ. އައިއެސްއޯ 9001 ސެޓިފައިޑް މި ކާރުޚާނާއިން 16މމ، 20މމ، 25މމ، 32މމ އަދި 40މމގެ 5 ސައިޒެއްގެ ކޮންޑުއިޓް ހޮޅި އުފައްދާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ރާއްޖޭގައި ކޮންޑުއިޓް ޕައިޕް އުފެއްދުމުން ކޮންސްޓްރަކްޝަން ކުންފުނިތަކާއި ހާޑްވެއަރ ފިހާރަތަކަށް ފަސޭހަވެ، ބޭރުން އެތެރެކުރުމުގެ ދަތިތައް ކުޑަވެ، އިގްތިސާދަށް ފައިދާވާނެކަމަށް ބެލެވެއެވެ. އެމްޑަބްލިޔުއެސްސީގެ މަޤްޞަދަކީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، ކުންފުންޏަށާއި ދިވެހި މުޖުތަމަޢުއަށް މަންފާ ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިންނާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމު ބައިވެރިވައިވާ ކަން ފާހަގަކުރެވެއެވެ.



