ސްކޫލް ބަންދާ ދިމާކޮށް ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އަތޮޅުތެރެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިމާންޑް ބޮޑުވެފައިވާތީ ފްލައިޓުތައް އިތުރުކޮށްފައިވާކަމަށެވެ.
އިތުރުކޮށްފައިވާ ފްލައިޓުތަކުގައި މަޢޫލޫމާތުވެސް މޯލްޑިވިއަން އިން ޙިއްސާކޮށްފައިވާއިރު، މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ހޯރަފުއްޓަށް ފްލައިޓެއް ދާނެ ކަމަށާއި، ތިން ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާ، ގަން އަދި ފުވައްމަލުކަށް އިތުރު ދަތުރެއް ކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. އަދި މެއި ތިންވަނަ ދުވަހުގެ ހެނދުނުން ފެށިގެން ތިމަރަފުއްޓާއި މާފަރުގެ އިތުރުން މަޑިވަރު އަދި ހަނިމާދޫއަށްވެސް އިތުރު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ކޮންމެ ފަހަރަކުވެސް ސްކޫލް ބަންދާ ދިމާކޮށް ފްލައިޓުތަކަށް ޑީމާންޑް ބޮޑުވާތީ މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރެއެވެ. މީގެ އިތުރުން މޯލްޑިވިއަން އިން މިހާރު އަންނަނީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތައްވެސް އިތުރުކޮށް ޚާއްސަ ޕެކޭޖުތައް ތައާރަފްކުރަމުންނެވެ.



