ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިއްޔެ ހަވީރު މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 16:00 އިން 18:00 އަށެވެ. މި ދެ ގަޑިއިރުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގައި، މި އޮޕަރޭޝަންގައި ޖުމްލަ 1,025 ބިދޭސީންނާ ސުވާލުކޮށްފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަންގެ ނަތީޖާއާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، އެފަދަ ފަރާތްތައް ހޯދުމަށް އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ފަހަކަށްއައިސް އާންމުކޮށް ހިންގަމުން ގެންދެއެވެ. މިފަދަ އޮޕަރޭޝަންތަކުގެ މަޤްސަދަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ.



