މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ "އައްޑޫ ޒޯން 9 ވަނަ ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2026" އައްޑޫ ސިޓީ ހިތަދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތުގެ ފެތުމުގެ އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:30 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް މުބާރާތުގެ ވާދަކުރުންތައް ކުރިއަށްދާނެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 7 ސްކޫލަކުން 135 ފެތުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ:
- އައްޑޫ ހައި ސްކޫލް
- ފޭދޫ ސްކޫލް
- ގދ. އަތޮޅު ތައުލީމީ މަރުކަޒު
- ހިތަދޫ ސްކޫލް
- މަރަދޫ ސްކޫލް
- ސ. އަތޮޅު މަދަރުސާ
- ޝަރަފުއްދީން ސްކޫލް
މި މުބާރާތަކީ ޒުވާން ފެތުންތެރިންގެ ހުނަރު ތަރައްގީކޮށް، ފެތުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. މިއީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމަކާ އެކު ކުރިއަށްދާ މުބާރާތެކެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން ވެސް މި މުބާރާތަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.
މި މުބާރާތުގެ ރަސްމީ ޑްރިންކްސް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "ބޮން އަކުއާ މޯލްޑިވްސް" އެވެ. ވާދަވެރި އަދި ފޯރިގަދަ މެޗުތަކަކާ އެކު މުބާރާތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހިތަދޫގައި ކުރިއަށްދާނެއެވެ.



