ރާއްޖޭގައި ލޭނު މަސްވެރިކަން ހުޅުވާނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ ލޭނު މަސްވެރިކަމުން ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ އިތުބާރު ގެއްލޭނެ ކަމަށާއި، ފަތުރުވެރިކަމަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ރާއްޖެއަކީ އެންމެ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަންކުރާ ޤައުމުކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ނަޝީދު ވިދާޅުވެފައިވަނީ ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރައީސް މުއިއްޒުގެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމުންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަކީ ރާއްޖޭގެ މަސްވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ނިންމެވުމުން ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިޔާސަތު ހިފެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.



