ކާރިސީ ހިރާސްތައް ކުޑަކުރުމަށް މުޅި ރާއްޖެ ހިމެނޭހެން މަސައްކަތްތަކެއް ފަށައިފިއެވެ. މި ޕްލޭން އިފްތިތާޙުކޮށްދެއްވީ މިއަދު މީރުމާ ހޯޓެލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ދިފާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ސަފޫރާ ވިދާޅުވީ، އެން.ޑީ.އެމް.އޭގެ މި އައު ޕްލޭންގައިވާ ކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް އިތުރުވަމުންދާތީ، މި ޕްލޭންގެ ދަށުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މިކަން ހައްލުކުރުމަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށެވެ. އޭނާ ވިދާޅުވީ ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއި އަދި ކުރިމަގުގައި ދިމާވެދާނެ ކަންތައްތަކުން އަރައިގަތުމަށްޓަކައި، އެކުގައި މަސައްކަތްކުރުމާއި، ދުރު މުސްތަޤުބަލަށް ވިސްނުމާއި، އަދި ކާރިސާގެ ނުރައްކާތެރިކަން ކުޑަކުރުމުގެ ކަންތައްތައް ޤައުމީ ޕްލޭންތަކާއި މަޝްރޫޢުތަކުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.
އެން.ޑީ.އެމް.އޭއިން 2024 އިން 2029 އަށް އެކުލަވާލި އައު ސްޓްރެޓެޖިކް ޕްލޭންގައި އެންމެ މުހިންމުކަމެއްކަމުގައި ފާހަގަކޮށްފައިވަނީ އެ އޮތޯރިޓީން ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭ އެމަރޖެންސީ ރެސްޕޯންސް އަދި އިންސާނީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތުގައި ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއެކު ވިލުންވެރި މުޖުތަމައުއެއް ބިނާކުރުންކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.
އެން.ޑީ.އެމް.އޭއިން ވިދާޅުވީ، މި ސްޓްރެޓެޖިކް ޕްލޭންގެ މަޤްޞަދުތައް ހާސިލުކޮށް، ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް އަދި ޤައުމީ ފެންވަރުގައި ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކަނޑައެޅިފައިވާ ނިޒާމުތައް ތަންފީޒުކުރުމަކީ އަމާޒެއްކަމަށެވެ. މި އައު ސްޓްރެޓެޖިކް ޕްލޭނަކީ ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް އިޖާބަދިނުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.



