ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ މިރޭ 21:30 އާ ހަމައަށެވެ.
އެ ސަރަޙައްދަށް މެޓް އޮފީހުން މީގެ ކުރިން ނެރެފައިވަނީ ހުދު އެލާޓެވެ. އެ އެލާޓު ނެރުނުތާ ދެ ގަޑިއިރުފަހުން ރީނދޫ އެލާޓު ވަނީ ނެރެފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުމުގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުގެ ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަލި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
ރީނދޫ އެލާޓް ނެރެފައިވާ ސަރަޙައްދުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ ކަނޑުދަތުރުފަތުރު ނުކުރުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



