މާލޭގެ ހުރިހާ ޓްރާންސްފޯމަރުތަކެއް މިހާރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އޮފީހުން އޮޕަރޭޓްކުރެވޭނެ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ސްމާޓް ގްރިޑްގެ މަސައްކަތް ނިމުމާއެކު، ޓްރާންސްފޯމަރުތައް އޮފީހުން އޮން އަދި އޮފްކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ އިންޖީނުތަކެއް އެސްކާޑާ ސިސްޓަމުން އޮޕަރޭޓްކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ހުރިހާ އިންޖީނުތައް ވެސް އޮޕަރެޓްކުރަމުން މިދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް، ކޮމްޕިއުޓަރެއް މެދުވެރިކޮށް އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ސިސްޓަމްތައް މިހާރު މިވަނީ ސްމާޓް ގްރިޑާއަކަށް ބަދަލުވެ އެސްކާޑާ ސިސްޓަމް މެދުވެރިކޮށް ހުރިހާ ޓްރާންސްފޯމަރުތައް، މާލޭގައި ބެހެއްޓިފައި ހުރި ޓްރާންސްފޯމަރުތައް ވެސް އޮފީހުގައި ތިބެގެން ސްވިޗް އޮން އޮފް ކުރެވޭނެ މިހާރު." ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ތިން ރަށް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް ގްރިޑް ހަރުކުރެވިފައިވެއެވެ. އަދި ސްމާޓް ގްރިޑްގެ މަސައްކަތް ނިމުމާއެކު، މިހާރު ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްމާޓް މީޓަރުގެ މަސައްކަތް ކުރިއަށްދާއިރު، އޭގެތެރެއަށް އީވޯކާޗާ ސިސްޓަމަކާއި ސައިކަލްތަކުގެ ބެޓަރި ޗާޖު ކުރާނެ ގޮތެއް ވެސް ޤާއިމުކުރެވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.



