ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ނުދިނުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި ނިންމެވުމަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި ނިންމެވި ނިންމެވުމެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
13 ޖޫން 2024 ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް އަލުން ހުޅުވައިލުމަށް ، ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން"ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނާއި އަދި މި މައްސަލައާ ގުޅުންހުރި އެހެނިހެން ފަރާތްތަކާ ބައްދަލުކުރައްވާނެކަމަށާއި މި ބައްދަލުވުމުގެ މަޤްޞަދަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އިތުރަށް އަޑުއެއްސެވުމާއި، މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
ސަރުކާރުން މިފަދަ މުހިންމު ނިންމުންތައް ނިންމަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އިސްކަންދެއްވައިގެން ކަމަށާއި، މި މައްސަލައަށްވެސް އެންމެ ރަނގަޅު ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.



