ގދ. ރަތަފަންދޫ، ލިލީގެ ޑރ. ޝަޒްރާ އިބްރާހިމް (36 އަހަރު) އާއި މ. ބަޑިކުޅިމާގެ އައިޝަތު ޝާދިޔާ (47 އަހަރު) ނަމަކަށް ކިޔާ ދެ އަންހެނުން ހައްޔަރުކޮށްފައި ވަނީ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރީގައި އިސްރާއީލުން ފަލަސްތީނު މީހުންނާ މެދު އަމަލުކުރާ ގޮތާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ތެރެއިން ، ސަފީރަށް އުނދަގޫ ކޮށްފައިވާތީ ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށް ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ އަންހެނުން ގާނޫނާ ހިލާފުވެފައިވަނީ ތަކުރާރުކޮށް އެމްބަސީތަކުގެ ބޭރުގައި އެއްވެ، އަޑުގަދަކޮށް، ހަޅޭއްލަވައިގަނެ، ސަފީރަކަށް އުނދަގޫ ކުރި ކަމަށް ބުނެ އެވެ. ސުލްހަވެރިކަމާއެކު އެތަނުން ދިއުމަށް އިންޒާރު ދިން ނަމަވެސް، އެ އަންހެނުން އަޑުގަދަކޮށް ހަޅޭއްލެވީ ، ފުލުހުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންނެވެ.
އަދާލަތު ޕާޓީން ވަނީ އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދެއްކުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމަކީ އެންމެންގެ މައްޗަށް އަޚްލާޤީ ވާޖިބެއް ކަމަށް ބުނެ އެ ހައްޔަރުކުރުން ކުށްވެރިކޮށްފަ އެވެ. އަލްއަގްސާ މިސްކިތް ދިފާއުކުރުމަކީ މުސްލިމުންގެ ދީނީ ވާޖިބެއް ކަމަށާއި، ދުނިޔޭގެ ޣައިރު މުސްލިމުން ވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއެކު އަޑު އުފުލަމުންދާ ކަމަށް އެ ޕާޓީން ފާހަގަކުރި އެވެ.
އަދާލަތު ޕާޓީން ބުނީ، ދިވެހި ސަރުކާރުން އިޒުރޭލު ޕާސްޕޯޓް މަނާކުރުމާއި ހަމާސްގެ ލީޑަރު ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި އިޒުރޭލާ ދެކޮޅަށް އިހުތިޖާޖުކުރި ދެ އަންހެނަކު ހައްޔަރުކުރުން ފަދަ ކަންކަމުން މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށް ދެކޭ ކަމަށެވެ



