ޖަލުތަކުގައި ޙުކުމް ތަންފީޒުކުރާ ޤައިދީން މަސައްކަތް އުނގެނެން ހޭދަ ކުރާ ކޮންމެ ދުވަހަކަށް، އެ މީހުންގެ ހުކުމުން ދުވަހެއް އުނިވާގޮތަށް ޤާނޫނު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ޤާއިމްކުރި "ދިވެހި ސަޤާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ އާ ސިޔާސަތެއް ކަމަށާއި މިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ހަރުދަނާ ގޮތެއްގައި މިކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިގޮތަށް ނިންމުމުގެ ބޭނުމަކީ ޖަލުގައި ޤައިދީން ހޭދަކުރާ މުއްދަތުގައި މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ލިބޭނެ މަގެއް ހޯދައި، މުޖުތަމަޢަށް އަނބުރާ އަވަހަށް ނުކުމެވެނެ ބަޔަކަށް ޤައިދީން ހެދުން ކަމަށެވެ. އެގޮތުން ރައީސްގެ އެދިލެއްވުމަކީ ޖަލަށް ވަނުމާއެކު އެމީހާގެ އިސްލާހީ މަސައްކަތްތައް ފެށި އެމީހާ ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ކޮށް، ދަސްކުރަން ޖެހޭ ކަންތައްތައް ދަސްކޮށްގެން މުޖުތަމަޢަށް ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި ނުކުމެގެން ދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޤައިދީންގެ ހުނަރުން ޖަލުގައި ތައްޔާރުކުރާ ތަކެތި ޖަލުގެ އެތެރޭގައި އަދި އެއާޕޯޓުގައި ފަތުރުވެރިންނަށް ވިއްކޭނެ މަގުވެސް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިތަކެތިން ލިބޭ ފައިދާގެ ބައެއް ޤައިދީންނަށް އުޖޫރައެއްގެ ގޮތުގައި ދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



