ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) އިފްތިތާޙުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ޔޫއެންޑީޕީއާއި އިންގިރޭސިވިލާތުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ މި ސޮފްޓްވެއަރއާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މި ސޮފްޓްވެއަރގެ ދަށުން ޝަރުޢީ ނިޒާމުގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއް ވިއުގައަކުން ގުޅުވާލައި ޚިދުމަތްތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ އައިސީއެމްއެސް އިން ދައުވާ ފޯމު ހުށަހެޅުމާއި ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ފަނޑިޔާރުންނަށް ކޭސްތައް ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމާއި ހުކުމް ކުރުންވެސް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި އައިސީއެމްއެސްގެ ޕަބްލިކް އެކްސެސް ޕޯޓަލް އިން އާއްމުންނަށް މައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމާއި ކޯޓުތަކުގެ އިޖުރާޢަތްތައް ދެނެގަނެވޭނެކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ބުނީ އޭގެ ސަބަބުން ދެފުށް ފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށްގެންދެވޭނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ކޯޓުތަކެއް އެއް ނެޓްވޯކަކުން ގުޅާލާ، އިލެކްޓްރޯނިކް ޕޯޓަލެއްގެ ތެރެއިން މައްސަލަތައް ފައިލްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މީގެ ކުރިންވެސް ފަނޑިޔާރުންގެ މަހާސިންތާތަކުގައި މަޝްވަރާކޮށްފައިވާ ކަމެއް ކަމަށެވެ.



