ޔަމަނުގެ ޙޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި އިންޒާރުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޙޫޘީން ސައުދީއާ ދެކޮޅަށް ކުރާ އަސާސެއް ނެތް ތުހުމަތުތަކަކީ ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ސައުދީން ޔަމަނުގެ ރައްޔިތުން ހިސާރުކޮށް، ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅާކަމަށް ބުނެ ޙޫޘީން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ ސަލާމަތާއި، ރައްކާތެރިކަމާއި، ސިޔާދަތު ދެމެހެއްޓުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކޮށް، ސައުދީ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފައެވެ.. އަދި ރަތްކަނޑުގެ ސަރަހައްދުން ދަތުރުކުރާ އާންމު އާގުބޯޓުފަހަރަށް ޙޫޘީން ދެމުންދާ އިންޒާރުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ދުނިޔޭގެ ވިޔަފާރިއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ޔަމަނުގެ ތަރައްގީއަށާއި، ބަޖެޓަށް ބޭނުންވާ ފައިސާއާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އިޚްލާސްތެރި މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖެއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށް ޔަމަނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.



