ރަތް ކަނޑާއި ޣައްޒާގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ އާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ، ރެޑްސީގެ ހަމަލާތަކާއި ގުޅުންހުރި ހޫޘީންނަށް ހަމަލާ ދިނުމަށް ބުދަ ދުވަހު ފޯނުން ވާހަކަ ދައްކަވައިފިއެވެ.
މި މަޝްވަރާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދާދި ފަހުން ޔަމަނުގެ ހޫތީން ގްރީސްގެ ތެޔޮ ޓޭންކަރު އެމްވީ ސޮޔުނިއަންއަށް ދިން ހަމަލާ އާއެވެ.
ތާޖާނީ ވަނީ އެ ސަރަހައްދުގައި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް އީޔޫގެ އެސްޕައިޑްސް މިޝަން ހަރުދަނާ ކުރުމަށް އިޓަލީން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފައި ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ޒަމާނީ އެންމެ ފަހުގެ ފައިޓާޖެޓްތަކާއެކު ހަރަކާތްތެރިވާން ޖެހިއްޖެ ހާލަތެއްގައި
އިޓަލީ އޮތީ އަދިވެސް ތައްޔާރަށް ކަމަށް ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި އިތުރު ސަރަހައްދީ ހަމަނުޖެހުންތައް ހުއްޓުވުމަށް އެމެރިކާ އިސްވެ އޮވެގެން ކުރާ މެދުވެރިކަމުގެ މަސައްކަތްތަކަށް ތާޖާނީ ތާއީދު ކުރައްވާ ކަމަށް ވެސް ޚަބަރުތަކުގައި ވެއެވެ. ދެ ލީޑަރުން ވެސް ވަނީ އަނިޔާވެރިކަން ކުޑަކުރުމަށާއި ހަމަޖެހުން ދެމެހެއްޓުމަށް ކޯޑިނޭޓްޑް ސްޓްރެޓެޖީތަކެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމަށާއި. މި ވާހަކައިގައި ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައާއި ކުރިއަށް އޮތް ޖީ7ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ވާހަކަވެސް ވަނީ އަލިއަޅުވާލާފައި ކަމަށް އިޓަލީގެ ހަބަރުތައް ބުނެއެވެ. އަދި އެމީހުން ވަނީ ޗައިނާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ލީބިޔާގެ މަރުކަޒީ ބޭންކަށް އެހީތެރިވުމާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި ދަތުރުފަތުރު ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭކަން ތަކުރާރުކޮށްފަ އެވެ.
ނަމަވެސް ހަގީގަތަކީ އެމެރިކާ އާއި އިޓަލީގެ ރޭވުމަކީ ހަނގުރާމަ ހުއްޓުވުން ނޫން ކަން މުޅި ދުނިޔެއަށް ސާފެވެ. ދެގައުމުން މިވަގުތު މިހުރިހާ ކަންތަކާއި ބެހޭގޮތުން މަޝްވަރާތައް މިކުރަނީ ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މިގައުމުތަކުގެ ކުރިން އޮތް ނުފޫޒު ކުޑަވެ ގިނަ ބާރުތަކެއް އުފެދޭތީއެވެ.



