ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިންނަށް ފޯނާއެކު ނުވަދެވޭކަމަށްބުނެ ބައެއް މީޑިއާތަކުން މިއަދު ފަތުރަމުން އަންނަ ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.
ހީނާ ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ނުވަދެވުނު ކަމަށްބުނެ މީޑީއާތަކުން ރިޕޯޓުކުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިންވެސް ބައިވެރިވެފައިވަނީ ފޯނާއެކު ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުގެ ތެރެއިން އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް ފޯނާއެކު ވަދެވޭނެ އިންތިޒާމް ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފޯނު ހިފައިގެން ބައިވެރިވުމަށްފަހު، ނޫސްވެރިންނަށް ފޯނު ނުވެއްދޭކަމަށް ބުނެ ދޮގު ޚަބަރުތައް މީޑިއާތަކުން ފެތުރުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ނޫސްވެރިންގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.



