ރާއްޖޭގެ އިގްތިސާދު ހަލާކުކޮށް، ގައުމު ބަނގުރޫޓުކުރި ބައެއްގެ ލަފާ ބޭނުމެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ގައުމު ބަނގުރޫޓުކޮށް ރައްޔިތުން ނިކަމެތިކުރި ބައެއް ކަމަށެވެ. އަދި އެފަދަ ބައެއްގެ ލަފާ ހޯދުމަކީ އިތުރަށް ނުލަފާވުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގައުމެއް ބަނގުރޫޓުކޮށްފައި ދިޔަ ބައެއް. ކީއްކުރަންތޯ އެމީހުންގެ ލަފައެއް ހޯދަނީ؟ އަލުން ބިނާކުރަން އުޅޭއިރު އެމީހުންގެ ލަފައެއް ހޯދުމުން ނުލަފައެއް ނޫންތޯ އަލުންވާނީ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން އެއްކުރެވިފައިވާ ޤާބިލު ޓީމަކީ ވަރަށް ހަރުދަނާ އަދި ކުޅަދާނަ ބައެކެވެ. މި ޓީމަށް އެމްޑީޕީގެ އިރުޝާދު ނުވަތަ ލަފައެއްގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެއްވެސް އެހީތެރިކަމަކާ ނުލައި، މި ޓީމުން ޤައުމު އަލުން އާރާސްތުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދު އަލުން ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.



