ފައިސާ ޓްރާންސްފަރ ކުރުމުގައި އަނެއްކާވެސް ބޭންކް އޮފް މޯލްޑިވްސް ، ބީއެމްއެލްއަށް އޮޅުމެއް އަރައިފިއެވެ. އެގޮތުން ޕެންޝަން ޖަމާކުރުމުގައި 5،000 ރުފިޔާ ލިބެންޖެހޭ ފަރާތްތަކަށް 15،000 ރުފިޔާ ޖަމާކޮށްފައިވެއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ޕެންޝަން ފަންޑުން އިތުރު އަދަދެއް އުނިކޮށްފައި ނުވާކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
ޕެންޝަން އޮފީހުން ބީއެމްއެލްއަށް ފޮނުވާފައިވާ ހުރިހާ އަދަދުތަކާއި ލިސްޓުތައް ރަނގަޅުކަމަށާއި، މި އޮޅުން އެރީ ބޭންކުގެ ފަރާތުންކަމަށް ޕެންޝަން އޮފީހުން ކަށށވަރު ކޮށްދެއެވެ.
މިކަން ހިނގާފައިމިވަނީ މިދިޔަ މަހު ލިލީ ބީޗް ރިސޯޓުގައި މުސާރަ ދޫކުރުމުގައި ދިމާވި އޮޅުމެއްގެ ސަބަބުން ބައެއް މުވައްޒަފުންނަށް 77 ބިލިއަން ޑޮލަރުގެ މުސާރަ ލިބުނު ހާދިސާއާ ދާދި ގާތް މުއްދަތެއްގައެވެ.
މިހާރަކަށް އައިސް ބޭންކް އޮފް މޯލްޑިވްސްގެ ދޯދިޔާ ކަންތައްތައް އިންތިހާއަށް ބޮޑުވެފައިވާއިރު އެބޭންކުގެ ސީއީއޯ މަޤާމުން އިސްތިއުފާ ދެއްވުމަށް މަސްވެރިކަމާއިބެހޭ ވުޒާރާގެ މިނސްޓްރ ޝިޔާމް ވަނީ ގޮވާލައްވާފައެވެ.
ދިވެހި ޤައުމީ ބޭންކުގެ ސީއީއޯ އަކީ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކާއި ގުޅިގެން މާލީ ނިޒާމުގެ ތެރެއިން ސަރުކާރަށް ރައްޔިތުންގެ ޕްރެޝަރު ބޮޑުކޮށް "މާލީ ބަޣާވާތަކުން" ޤާނޫނީ ވެރިކަން ވައްޓާލުމަށް ތުހުމަތުކުރެވޭ ފައްޔާޒު އިސްމާޢީލާއި ބައިޢަތު ހިފާފައިވާ ބޭފުޅެއް ކަމަށް އެއްބަޔަކު ތުހުމަތު ކުރެއެވެ.
މިފަހުން، ސަރުކާރާއި ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މަހަކު ވިޔަފާރި ކުރުމަށް ލިބޭ 250 ޑޮލަރުގެ އިތުރުން މުޅި އެ ނިޒާމު ހުއްޓުވާލުމަށް ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރާއި ސަރުކާރަށް ހެޔޮއެދޭ ވިޔަފާރިވެރިން، ޚާއްޞަކޮށް "ޗަމްޕާބްރަދާސް" ކުރެއްވި މަސައްކަތުން ދިވެހި ބޭންކުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ. ބޭންކުގެ ބޯޑުގައި ބާރު އޮންނަނީ ސަރުކާރަކަށް ނޫނެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކޮށް ބޭންކު ޒިންމާދާރު ކުރުވުމަށް ސަރުކާރުގެ ސިޔާސީ ބޭފުޅުން ބޭންކުގެ ބޯޑަށް ލުމަށްޓަކައި ސަރުކާރުން ވަނީ ނަންތައް ފޮނުވާފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭންކުގެ ޕްރޮސެސް އޮންނަ ގޮތުން އެކަމަށް އަދި ދެތިން ހަފްތާ ނަގާނެއެވެ.



