މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯ އާއި ފެނަކާގެ މެނޭޖިން ޑިރެކްޓަރުން ވަނީ ވެރިރަށް މާލޭގައި ކަރަންޓް ބިލްކުރުމާއި، ބޭނުންކުރުމާއި ގުޅޭ މައްސަލަތަކަށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މީގެ އިތުރުން، ޔުޓިލިޓީ ކުންފުނިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ޚިދުމަތުގެ ފެންވަރާއިމެދު ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ މިހާރު ހިނގަމުންދާ ބިލިން ސައިކަލްގެ ސަބަބުން ރޯދަމަހުގެ ފުރަތަމަ އަދި އެންމެ ފަހު ދުވަހު މާލޭގެ 48،000 ކޮންސިއުމަރުންގެ ރީޑިންގް ނެގުމަށް ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވާފަ އެވެ. މި “ބޮޓްލްނެކް”ގެ ސަބަބުން ވަޞީލަތްތަކަށް ބުރޫއެރުމުގެ އިތުރުން ބިލް ކުރުމުގެ ޕްރޮސެސްތަކުގެ ޓައިމްލައިނަށްވެސް އަސަރުކުރެއެވެ. ބިލުން ވަގުހަދާކަމަށް ދެކެވޭ ވާހަކަތަކަށް ދެއްވި ރައްދެއްގެ ގޮތުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ބިލްކުރަނީ ކޮންސިއުމް ކޮށްފައިވާ ޢަދަދަށެވެ. ފަހުމީ އެހެން ވިދާޅުވިޔަސް، މެނުއަލްކޮށް ރީޑިންގ ނަގާކަމަށްވާނަމަ އެފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު އޮވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން ފެނަކާގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވަނީ ގޭބިސީތަކުގެ “ބޮޑު ކަރަންޓް ބިލްތައް” ހައްލުކުރުމަށް ސްމާޓް މީޓަރު ތައާރަފްކުރި ވާހަކަ ވިދާޅުވެފައެވެ. ސްމާޓް މީޓަރުތަކުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހަކަތަ ބޭނުންކުރުމާ ބެހޭ ރިއަލް ޓައިމް ޑޭޓާ ފޯރުކޮށްދީ، ބިލް ހެދުމުގެ ފުރުޞަތު މާ ޞައްޙަކޮށްދީ، ކަރަންޓް ބޭނުންކުރުން ރަނގަޅަށް މޮނިޓަރކޮށް މެނޭޖްކުރުމުގެ ބާރު ލިބިގެންދެއެވެ.
ޚާއްޞަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި އެއްދުވަސް ތެރޭގައި ހުރިހާ ގެއަކުން ރީޑިންގް ނެގުމުގައި ސްޓެލްކޯއަށް ކުރިމަތިވެފައިވާ ގޮންޖެހުމަށް ހައްލެއް ހޯދުމަށްޓަކައި އާ ޚިޔާލުތަކެއް ތަންފީޒު ކުރެވިދާނެ އެވެ:
އޮޓޮމެޓިކް މީޓަރ ރީޑިންގ (އޭއެމްއާރު) ސިސްޓަމްތައް ތަންފީޒުކުރުން:
އޭއެމްއާރު ސިސްޓަމްތައް އިންސްޓޯލްކޮށްގެން ސްޓެލްކޯއަށް މެނުއަލް އިންޓަރވެންޝަންގެ ބޭނުމެއް ނެތި ހުރިހާ ގެއެއްގެ މީޓަރު ރީޑިންގ ރިމޯޓުން އެއްކުރެވޭނެއެވެ. ދިހަ ބާރަ ބުރިއަށް ނަގާފައިވާ ގެތަކުގެ ސިޑިން އަރައި ވަރުބަލިކަމުގެ ހަކަތަ ވޭސްޓުކުރުމުގެ ބަދަލުގައި ޑޭޓާ އެއްކުރުމުގެ ޕްރޮސެސް ސްޓްރީމްލައިންކޮށް، މީޓަރު ރީޑިންގ ނަގަން ގެތަކަށް ދިޔުމުގެ ބުރަ ނިމުމަކަށް ގެނެވިދާނެއެވެ.
ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުން:
ސެންސަރާއި ކެމެރާ ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެން ޢިމާރާތްތަކުގެ މަތީގައި އުދުހިއުދުހި ހުރެވެސް މީޓަރުގެ ރީޑިންގްސް ނަގާލެވިދާނެއެވެ. މި އުޞޫލުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލެ ކަވަރު ކުރެވޭނެއެވެ. މިއީ ޑޭޓާ އެއްކުރުމަށް ބޭނުންވާ މެންޕަވަރާއި ރިސޯސްތައް މަދުވެގެންދާނެ ކަމެކެވެ. ދުރު ވިސްނުމަކަށް ބަލާނަމަ ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ކުރާ ޚަރަދުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް މިކަން ވާނެއެވެ.
ސްމާޓް މީޓަރާއެކު ބަދަލުވެގެންދާނެ ބައެއް ކަންތައްތައް:
1- ރިއަލް ޓައިމް މޮނިޓަރިން:
ފެނަކަ އެމްޑީ މުޢާޒް ވިދާޅުވި ފަދައިން ސްމާޓް މީޓަރުތަކުގެ ސަބަބުން ކޮންސިއުމަރުންނަށް ކަރަންޓު ބޭނުންކުރާ ގޮތުގެ ‘ރިއަލް ޓައިމް މަޢުލޫމާތު’ ލިބި، ވިސްނުންތެރިކަމާއެކު ކަރަންޓު މެނޭޖް ކުރެވޭނެއެވެ.
2- “ބިލުން ވައްކަންކުރަނީއޭ” ބުނާ މައްސަލަ އަށް ހައްލެއް:
ސްމާޓް މީޓަރުތަކުގެ ސަބަބުން “ސްޓެލްކޯއިން ބިލަށް ވަގު ހަދަނީއޭ” ކިޔައި ސްޓެލްކޯގެ އަބުރު ކަތިލަމުންދާ މައްސަލަ ހައްލުވެގެން ދާނެއެވެ. އެސްޓިމޭޝަން އެރަރސް ނައްތާލައި، ކޮމްސިއުމްކުރާ އަސްލު މިންވަރު އެނގޭނެ ޞައްޙަ ބިލްތައް ކަށަވަރުކޮށްދޭނެއެވެ. ކޮންސިއުމަރުންނާއި ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި މީޓަރުގެ ރީޑިންގ މައްސަލައިގައި މިހާރު ނެތް އިތުބާރު އަލުން ލިބިގެންދާނެއެވެ.
މެނުއަލްކޮށް ކުރާ ބުރަ މަސައްކަތްތަކަށް ނިމުމެއް:
ޔުޓިލިޓީ ކުންފުނިތަކަށް ސްމާޓް މީޓަރުތައް ރިމޯޓުން މޮނިޓަރކޮށް މެނޭޖް ކުރެވޭތީ، މެނުއަލްކޮށް މީޓަރު ރީޑިންގ އާއި މެއިންޓެނަންސް އާއި ގުޅިގެން ކުރާ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ އެކަމުގެ ފައިދާ ކުންފުންޏަށް ލިބިގެންދެއެވެ.
ސްމާޓް މީޓަރުތަކުގެ ގެއްލުންތައް:ފު
ރަތަމަ ކަމަކަށް، ސްމާޓް މީޓަރުތައް ތަންފީޛު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި ޓެކްނޮލޮޖީއަކީ ގެއްލުމުގައި ހިންގާ ފެނަކަ ކުންފުންޏަށް ނޭވާލުމަށް އުނދަގޫ އަދި ބޮޑު އިންވެސްޓްމަންޓެކެވެ.
ޑޭޓާ ޕްރޮޓެކްޝަން ޤަވާޢިދެއް އެބައޮތްތަ؟
ދެން އޮތީ ޕްރައިވެސީގެ ކަންބޮޑުވުންތަކެވެ.
ސްމާޓް މީޓަރުތަކުން ހަކަތަ ބޭނުންކުރުމާ ބެހޭ “ތަފްޞީލީ ޑޭޓާ” އެއްކުރުމުން، “ހެއިޖެހޭ” ކޮންސިއުމަރުންގެ މެދުގައި ޕްރައިވެސީއާއި ޑޭޓާ ސެކިއުރިޓީއާ މެދު ކަންބޮޑުވުންތައް އުފެދިދާނެއެވެ. އެހެންކަމުން، ކޮންސިއުމަރުންގެ/ރައްޔިތުންގެ ނާޒުކު މަޢުލޫމާތު ރައްކާތެރިކުރުން ކޮންމެހެން ބޭނުމެވެ.
ރަނގަޅު ޑޭޓާ ޕްރޮޓެކްޝަން ޤަވާޢިދެއް އެކުލަވާލައި ޢަމަލުކުރާކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ.
ނިންމާލަމުން ދަންނަވާނަމަ، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީތަކާއި ޑޭޓާ އެއްކުރުމުގައި އާ ގޮތްތައް ތަޢާރަފްކުރުމަކީ މާލެއަށް ނުހަނު ބޭނުންތެރި ކަމެކެވެ. މި ހައްލުތައް ބަލައިގަނެ، ސްޓެލްކޯ އާއި ފެނަކައިން ޔުޓިލިޓީގެ ޚިދުމަތް ދިނުމުގައި އާ އުސްމިނަކަށް ގެންދިއުމަށް މަގުފަހިކޮށްދެވިދާނެ އެވެ.



