މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ލޭނުގެ މަސްވެރިކަމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސް މުޙައްމަދު މުއިއްޒު ކަނޑުރޯދިން ނަފާ ހޯދުމަށް އިސްކަންދެއްވާ ކަމަށާއި، މެރިކަލްޗާ މަސައްކަތްތަކަށް ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކޮމާޝަލް މިންގަނޑުތަކުގެ ޖާގަ ކެބިނެޓުން ފާސްކޮށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ލޭނުގެ މަސްވެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، އެމަސައްކަތަކީ ކުރިން ފަށައި ހުއްޓާލާފައިވާ މަސައްކަތެއް ކަމަށާއި، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު މަސްވެރިކަމުގެ ސިނާޢަތު އެއްހަމަކުރުމަށް މިކަން ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މަތީ ފަށަލައިގެ މަސްވެރިކަން ދަށްވަމުންދާތީ، ފުނުގައި އުޅޭ މަހަށް އަމާޒުކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމުން ސިނާޢަތު ދެމެހެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، ލޭނުގެ މަސްވެރިކަމަކީ އިޤްތިޞާދު ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ދެކޭ ކަމަށާއި، ފެބްރުއަރީގައި މި މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށެވެ. އަދި ގިނަ ދިވެހިންނަށް ބައިވެރިވެވޭގޮތަށް މިކަން ރޭވުމަށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދޅާުވިއެވެ.



