މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް،. އެމްއެމްޕީއާރުސީގެ ފައިސާއެއް ބޭނުންފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްހޭގެ އަމިއްލަ ޓީވީ ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސްގެ ބާނީ ވިދާޅުވީ އެއްވެސް މިންވަރަކަށް އެމަނިކުފާނުގެ ދައުރެއް އެމައްސަލައިގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ނައިބު ރައީސކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ގެނައުމަށްޓަކައި، އެތައް މިލިއަން ރުފިޔާއެއް އަދީބު އެކި ބޭބޭފުޅުންނަށް ދެއްވި ކަމަށް ވެއެވެ. އޭގެ ތެރެއިން ބައެއް ފައިސާތައް ޢަބްދުއްރަޙީމްއާއި ޙަވާލު ކުރެއްވި ކަމަށްވެސް ތުހުމަތު ކުރެވުނެވެ.
އެ ތުހުމަތުތަކުން ބަރީޢަވެވަޑައިގަންނަމަވަމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ކަމެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން ސާބިތުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެއެވެ. އަދުލުވެރި ޝަރީޢަތެއް ކުރިއަށް ގެންގޮސްފިނަމަ، އެމްއެމްޕީއާރުސީ މައްސަލަ ނޫން އެހެން މައްސަލައެއްގައިވެސް އެމަނިކުފާނާއި ގުޅުވައި އެއްވެސް މިންވަރަކަށް އެއްވެސް ކަމެއް ސާބިތު ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



