ސިނަމާލެ ބްރިޖްގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ލޭންތަކުގެ އަދަދު ކުރީގެ މަޢުލޫމާތުތަކުން ސާފުވާނެ ކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޕޯސްޓު ކުރައްވަމުން މުއްތަލިބު ވިދާޅުވީ ބުރިޖްގައި އެއް ލޭން މަދުކަން ނޭނގޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާއި، އެކަމާ ގުޅިގެން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޑރ. މުއްތަލިބް ވިދާޅުވީ ބްރިޖް ޑިޒައިންގެ ލޭން އަދަދު ރައީސް އޮފީހުގެ ވީޑިއޯއިން ފެންނަން ހުރި ކަމަށާއި، މިއީ އާންމު މަޢުލޫމާތެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވާހަކަފުޅުތަކާ ގުޅޭގޮތުން ރޭގަ ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޔާމީންގެ ހިތް ރައީސް މުޢިއްޒަށް ހެޔޮ ނޫން ކަމަށާއި، ހައުސިންގ މިނިސްޓަރުކަމުން ވަކިކުރަން ތިން ފަހަރު މަސައްކަތްކުރެއްވި ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޔާމީނަށް ބްރިޖްގެ ލޭން އަދަދު އެނގިވަޑައިގަންނަވާނެ ކަމަށާއި، ޔާމީން ބްރިޖްގެ މަސައްކަތް ބައްލަވާފައިވާ ކަމަށެވެ. އަދި ލޭނެއް މަދުވާ ވާހަކައަކީ އިތުރުފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.



