ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ވަކިމީހަކު ގެންނަން މަސައްކަތެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ، އެ ފަރާތުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އެމަނިކުފާނުގެ ޢާއިލާގައި ތަޢުލީމީ ޤާބިލްކަން ހުރި ބޭފުޅަކު ނެތް ކަމަށް މީގެ ކުރިން ޔާމީނުއާއި އަދި ޔާމީނުގެ އެންމެ އަރިސް މަލީހުއާއި ޖަމީލު ދައްކަވާފައިވާ ވާހަކަތަކާއި ގުޅުވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ގެނަޔަސް މައްސަލައެއް ނެތް ކަމަށާއި އަދި މަލީހު ނުވަތަ ޖަމީލު އެ މަޤާމަށް ގެނައުމަކުންވެސް އެމަނިކުފާނަށް މައްސަލައެއް ނެތެވެ. އަދި އެބޭފުޅުން އުޅެނީ އަބްދުއްރަހީމްގެ ގާތް މީހަކު ޕްރޮސިކިއުޓަރ ޖެނެރަލްއަކަށް އަތުވެދާނެތީ ބިރުފުޅުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަގާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި އަބްދުއްރަހީމްގެ އާއިލާގެ މެންބަރުން ގިނަކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ އާއިލާގެ މެންބަރުން ސަރުކާރުގައި މަސައްކަތްކުރުމާމެދު އުފާކުރައްވާ ކަމަށެވެ. އެހެންނަމަވެސް، މި މަޤާމުތަކުގައި ތިއްބެވި އާއިލާގެ މެންބަރުންނަކީ ވެސް ތަޢުލީމީ ގޮތުން ޤާބިލު ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.
"މިސަރުކާރަކީ އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް، ޢިލްމީ އަދި ޤާބިލު ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ދެވިފައިވާ މަޤާމުތަކެއް ކަމަށެވެ.



