ކުއާލަލަންޕޫރުގައި އިތުރު ވަޅުގަނޑެއް އުފެދިއްޖެއެވެ. މިއީ ފާއިތުވި ހަފުތާގައި އިންޑިއާގެ ފަތުރުވެރިއެއްގެ ފުރާނަ ގެއްލުނު ވަޅުގަނޑާ 50 މީޓަރު ދުރުގައި އުފެދިފައިވާ ވަޅުގަނޑެކެވެ. މި އައު ވަޅުގަނޑު ފެނުނީ އޮގަސްޓް 28 ވަނަ ދުވަހުގެ ހެނދުނު 2:30 ހާއިރުއެވެ. ކުއާލަލަންޕޫރު ސިޓީ ހޯލުގެ މުވައްޒަފުންނާއެކު، ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ވަނީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިތުރު ހާދިސާތައް ހުއްޓުވުމަށްޓަކައި އެ ސަރަހައްދު ވަށައިގެން ބަންދުކޮށްފައެވެ. ކުއާލަލަންޕޫރު އަލިފާން ނިއްވުމާއި ސަލާމަތްކުރުމުގެ ޑިޕާޓްމަންޓާއި، މަދަނީ ދިފާޢީ ބާރާއި އަދި ސަރަޙައްދުގެ ފުލުހުން ވަނީ މި ހާލަތު ބެލެހެއްޓުމުގައާއި ވަށައިގެންވާ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ.
މީގެ ކުރިން، އޮގަސްޓް 23 ވަނަ ދުވަހު ފާހަގަކުރެވުނު ފުރަތަމަ ވަޅުގަނޑުގެ ސަބަބުން އިންޑިއާގެ އާންދްރާ ޕްރަދޭޝްގެ 48 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމުގައިވާ ވިޖަޔަލަކްޝްމީއަށް ހިތާމަވެރި ހާދިސާއެއް ދިމާވިއެވެ. އޭނާ 8 މީޓަރު ފުންމިނުގެ ވަޅުގަނޑަށް ވެއްޓި، އޭގެފަހުން އޭނާގެ އަހުވާލެއް ނޭނގެއެވެ. 6 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ރޭ ވެހުނު ވާރޭގެ ސަބަބުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ނަމަވެސް، ބުދަ ދުވަހުގެ ހެނދުނު އަލުން ފެށިގެން، ގެއްލިފައިވާ އަންހެންމީހާ ހޯދުމަށް ޓީމުތަކުން ގޮންޖެހުންތަކާ ކުރިމަތިލަމުން މަސައްކަތް ކުރިއަށް ގެންދެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ އިސްވެރިޔާ، އެސިސްޓެންޓް ކޮމިޝަނަރ ސުލިއެޒްމީ އަފެންދީ ސުލައިމާން ވިދާޅުވީ، މި ކުއްލި ހާލަތާއި ކުރިމަތިލުމަށާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބިމުގެ ދިރާސާއެއް ކުރަމުންދާ ކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ ސުލިއެޒްމީ އަފެންދީ ސުލައިމާން ވަނީ ހާމަކުރެއްވިއެވެ.


