ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5237 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.4 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 194,907 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ރަޝިޔާއިން 144,683 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 116,073 ފަތުރުވެރިންނާއި، އިޓަލީވިލާތުން 100,082 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި 182 ރިސޯޓާއި، 14 ހޮޓަލާއި، 879 ގެސްޓްހައުސްއާއި، 153 ސަފާރީ އުޅަނދު ހިންގައެވެ.
ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މި އަމާޒު ޙާޞިލުކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މާކެޓިންގ މަސައްކަތްތަކާއި އެހެނިހެން ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި މަސައްކަތްތަކުގެ ސަބަބުން މި އަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިންގެ އަމާޒު ޙާޞިލުވާނެކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.



