އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ހިނގި ހަމަލާ ބަދަލުވުންތަކަށްފަހު މިހާރު އެދެފަރާތުގެ ދެމެދުގައި ހިގާ ކުރިމަތިލުންތައް ކުޑަކޮށް ލުއިވަމުންދާއިރު، އީރާނުން އަދިވެސް އިސްރާއީލަށް ހަމަލާދޭން ތައްޔާރުވެފައިވާތީ ވައިޓް ހައުސްއިން ކަންބޮޑުވުން ފާޅުކުރެއެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން އެއާފޯސް ޖެނެރަލް ޗާލްސް ކިއު ބްރައުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދިވެސް މަސްރަހު ފެންނަނީ އަނދިރިކޮށެވެ. ނަމަވެސް ސަރަހައްދީ ހަނގުރާމައެއްގެ ނުރައްކާ "ކޮންމެވެސް ވަރަކަށް" ކުޑަވެފައިވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލުން ހިޒްބުالله އަށް ރޮކެޓް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲއިން ވެސް އިސްރާއީލަށް ރޮކެޓް ހަމަލާދީ އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ
ވަގުތީ ނުރައްކާ ކުޑަވި ނަމަވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވަނީ އީރާނުން އަދިވެސް އޮތީ އިސްރާއީލަށް ހަމަލާދޭން ތައްޔާރަށް ކަމަށް ކަށަވަރުކޮށްދީފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާއިން ވަނީ އެ ސަރަހައްދުގައި މަސްރަހު އިތުރަށް ގޯސްވެ އިސްރާއީލަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތެއް މެދުވެރިވެއްޖެނަމަ އިސްރާއީލު ހިމާޔަތް ކުރުމަށް ބޭނުންވާ ހަތިޔާރާއި ސިފައިންނާއި އަސްކަރީ މަނަވަރެއްވެސް ފޮނުވާފައެވެ. އެމެރިކާ އޮތީ ތަދައްޚުލްވާން ތައްޔާރަށެވެ.
މިކަން އެނގޭ އެންމެ ބޮޑު އަނެއް ހެއްކަކީ މިފަހުން ޖެނެރަލް ބްރައުން އިސްރާއީލަށް ކުރެއްވި ދަތުރުފުޅެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން އެމެރިކާގެ ވައިގެ ސިފައިންގެ ޖެނެރަލް ޗާލްސް ކިއު ބްރައުން ޖޫނިއާ އާއި އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު އިސްރާއީލުގެ ޓެލް އަވީވްގެ ބޭރުގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައި، ސަލާމް ކުރައްވަނީ، އޮގަސްޓް 26، 2024
މިއީ އެމެރިކާއިން ހާލަތު މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިޝާރާތެކެވެ.
ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިރޫތުގައި ހިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުއާދު ޝުކުރު އާއި ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އިސްރާއީލުން ޝަހީދުކޮށްލުމާއި ގުޅިގެން ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. އިސްރާއީލުން ޖާސޫސީ ގާބިލްކަމާއި އަސްކަރީ ބާރުވެރިކަން ދައްކަމުންދާއިރު، ހިޒްބުالله އާއި އީރާނަށް ވެސް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވެ އެވެ. ޔުނިވާސިޓީ އޮފް އޮޓާވާގެ ތޯމަސް ޖޫނިއޯ ހިމެނޭ ގޮތަށް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހިޒްބުالله އާއި އީރާނު އޮތީ އިސްރާއީލާއި އެމެރިކާއާ އެކު ހުރިހާ ގޮތަކުން ހަނގުރާމައަށް ތައްޔާރުވެފައެވެ.
ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله ވިދާޅުވީ ބޭޏުންފުޅުނަމަ އިސްރާއީލާއި އެމެރިކާގެ ފަރާތުން އިތުރަށް ބަދަލު ހިފުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މިދެމެދު، ހިޒްބުالله އިން އިސްރާއީލަށް ދޭތެރެދޭތެރެއިން ހަމަލާތައް ދޭނެ ކަމަށާއި، ޣައްޒާގައި ހިނގާ ކަންތައްތައް ހުއްޓާލަންދެން އިސްރާއީލަށް ހަމަލާ ދޭނެކަމަށްވެސް ހަސަން ނަސްރުﷲ ވިދާޅުވައެވެ.

ލުބުނާނުގެ ބާރުގަދަ ހިޒްބުاللهގެ އިސްވެރިޔާ ހަސަން ނަސްރުﷲ ( އޭއެފްޕީ ފޮޓޯ)
ހިޒްބުﷲގެ ރައްދުތަކަށް ކެތް ނުވެގެން މި ހަމަނުޖެހުމުގެ ސަބަބުން 90،000 އެއްހާ އިސްރާއީލު މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެ، ދެމީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ރިޕޯޓް ކުރެއެވެ.
ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދިވެސް އިސްރާއީލުން ގެންދަނީ ހަމަލާތައް ދެމުން ކަމަށްވާއިރު، އީރާން އޮތީ ދަނޑިވަޅަކަށް ބަލަބަލައެވެ.



