ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި ހުއްދަ ދިން ފްލޯޓިންގ ސޯލާ ޕެނަލްތަކުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެސްއީޒެޑް ޤާނޫނުގެ ދަށުން ފްލޯޓިންގ ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫޢަށް ޙުއްދަ ދީފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށް ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަޝްރޫޢުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަރ ސަޕްލައި ކޯ އެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ މި މަޝްރޫޢުގެ ލައިސެންސް އަންނަ އޮކްޓޫބަރު މަހު ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެސްއީޒެޑްގެ މި މަޝްރޫޢާއެކު ތެޔޮ ގަތުމަށް ކުރާ ހޭދައިގެ ބޮޑު ބައެއް ސަލާމަތްކުރެވޭނެ ކަމަށެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމާއި ތަފްސީލީ ކުރެހުންތަކާއި ސްކޯޕް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ސަޢީދު ވިދާޅުވެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ބެލެހެއްޓުމާއި ބެޓެރި ސިސްޓަމްތަކާއި އަދި މި ނިޒާމު ރަށްރަށާއި ގުޅާލުމަށް ބޭނުންވާ އިންޓަރކަނެކްޝަން ވިއުގަވެސް ޤާއިމުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.



