ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ އިންޓަނޭޝަނަލް ސްކޫލް "އަޖިއަލް ބައިލިންގުއަލް ސްކޫލް"ގައި އަންނަ މަހު ކިޔަވައިދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އައިރާ ޓަވަރުގެ ފުރަގަހުގައި އޮތް ބިމުގައި އިމާރާތްކޮށްފައިވާ އަޖިއަލް ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ސްކޫލް ތަރައްޤީކުރާއިރު، މިހާރު ނިމިފައިވާ ފުރަތަމަ ފިޔަވަހީގެ ދަށުން ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުޅުވާލާފައިވަނީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 3 އާ ހަމައަށެވެ.
މި ސްކޫލުގައި 1200 ދަރިވަރުންނަށް ކިޔެވޭއިރު، ޕްރީސްކޫލުން ފެށިގެން ކިންޑާގާޑަންއާ ހަމައަށް ދަރިވަރުންގެ ސްކޫލް ފީއަކީ 5053 ރުފިޔާއެވެ. އަދި ގްރޭޑް 1 އިން ގްރޭޑް 3 އާ ހަމައަށް ދަރިވަރުންގެ ސްކޫލް ފީއަކީ 6333 ރުފިޔާއެވެ.
އަޖިއަލް ސްކޫލުގައި އަރަބި އަދި އިނގިރޭސި ބަހުންވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، ސްކޫލް ފަރުމާކޮށްފައިވަނީ ނަމާދުކުރާ ކޮޓަރިއާއި ޓީޗަރުންގެ ރިސާޗް ރޫމާއި މެޑިކަލް ރޫމެއްވެސް ހިމެނޭ ގޮތަށެވެ.
2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ މަހު 26ގައި ފެށޭއިރު، އަޖިއަލް ސްކޫލުގެ ކިޔެވުންވެސް އެ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް އަލްޖެރީ ހޯލްޑިންއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 2022 ވަނަ އަހަރުގެ ޖޫންމަހު އެ ސްކޫލުގެ ބިންގާ އަޅާފައިވާއިރު އަލްޖެރީ ކުންފުނީގެ ދަށުން އެ ސްކޫލް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ.



