ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާ ރިޓަޔަރވާން ގަސްދުކުރަނީ ސައުދީ އަރަބިއާގެ ކްލަބް އަލް ނަސްރުގައި ކަމަށާއި، އެކަން ވާނީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ކަމަށް ހާމަކޮށްފައެވެ.
2022 ވަނަ އަހަރުގެ ޑިސެންބަރު މަހު އަލް ނަސްރާ ގުޅުނު ރޮނާލްޑޯ ވަނީ ސައުދީ އަރަބިއާގައި އޭނާގެ އަމިއްލަ ދިރިއުޅުމާއި ކުޅުންތެރިކަމުގެ ދާއިރާއާމެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކޮށްފައެވެ.
"އަވަހަށް ފުޓްބޯޅައިން ރިޓަޔަރވާނީކަމެއް ނޭނގެ. އެހެންނަމަވެސް، ދެތިން އަހަރުގެ ތެރޭގައި އެކަން ވެދާނެ. އަދި ފަހަރެއްގައި އަހަރެން ރިޓަޔަރވާނީ މިތާ އަލް ނަސްރުގައި ކަމަށް ވެސް ވެދާނެ،" ޕޯޗުގީޒް ޗެނަލަކަށް ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. "އަހަރެން މި ކްލަބުގައި ވަރަށް އުފާވޭ، އަދި މި ޤައުމު ވެސް ވަރަށް ރަނގަޅު". ރޮނާލްޑޯ ބުންޏެވެ.
ސައުދީ ޕްރޯ ލީގަށް ރޮނާލްޑޯ ބަދަލުވުމަކީ އޭނާގެ ފާހަގަކޮށްލެވޭ ކެރިއަރުގައި މުހިންމު ބަދަލެކެވެ. އަލް ނަސްރާ ގުޅުނު ފަހުން، އޭނާ ވަނީ އޭނާގެ ޚާއްސަ ހުނަރު ދައްކުވައިދެމުން، 48 މެޗުގައި 50 ލަނޑު ޖަހާފައެވެ. ރޮނާލްޑޯ އެކުލަބާއި ގުޅުމުން ލީގުގެ ކުޅުމުގެ ފެންވަރު މަތިވެފައިވާއިރު، ދުނިޔޭގެ ސަމާލުކަން ލީގަށް ބޮޑުތަނުން އިތުރުވެފައިވެއެވެ.
ތާރީޚުގައި ފާހަގަކޮށްލެވޭ ކެރިއަރެއް ލިބިފައިވާ ރޮނާލްޑޯގެ އަލް ނަސްރުގައި ހޭދަކުރާ ފަހު އަހަރުތަކަށް ގިނަ ބަޔަކު ސަމާލުކަން ދޭނެކަމަށް ބެލެވެއެވެ.



