މާލެސިޓީގެ މާފަންނުގައި ހުންނަ އީދު މިސްކިތުން ވައްކަން ކޮށްފިއެވެ. މަރާމާތަށް ބަންދު ކޮށްފައިވާ އެ މިސްކިތުން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ މިސްކިތުން ވަގަށް ގެންގޮސްފައިވަނީ 8 ފަންކާއެއްގެ ކަރަންޓު ކޭބަލްތަކާއި 13 ބޮކި ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. އަދި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން މަޢޫލޫމާތު ދެއެވެ.
ވާރޭވެހޭ މި މޫސުމުގައި މިސްކިތުގެ ހަރިންމަ ތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ ތަޅުންގަނޑު އުސްކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ މިވަހުތު ބަންދުކޮށްފައިވާ ޢީދުމިސްކިތުން މީގެ ކުރިންވެސް ވައްކަން ކުރިކަން ފާހަގަ ކުރެވެއެވެ. ދެހާޙުގެ ކުރީކޮޅުގައި އެމިސްކިތުގެ ބަންގި ގޮވަން ބޭނުންކުރާ މައިކު ވެސް ވަގަށް ނެގިކަން ފާހަގަ ކުރެވޭއިރު، އެފަހަރު މައިކު ވަގަށް ގެންދިޔައީ މަގުމަތީގައި ވީއްލިގެން އުޅޭ ޒުވާން ކުދިންގެ ތެރެއިން ކުއްޖަކު ކަމަށް އޭރު އެ މިސްކިތާއި ޙަވާލުވެގެން ހުންނެވި މަސައްކަތްތެރިޔަކު ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.
ޢީދު މިސްކިތުގެ 8 ފަންކާއެއްގެ ކަރަންޓު ކޭބަލާއި ގިނަ ޢަދަދެއްގެ ބޮކިތައް ވަގަށް ނެގި ހާދިސާއާ ގުޅޭގޮތުން އެއްވެސް މަޢޫލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެކަން ސިޓީ ކައުންސިލަށް އެންގުމަށް އެކައުންސިލުން އެދިލައްވައެވެ.
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލައަކީ ޢާންމު ކަމަކަށް ވަނީ ވެފައެވެ.
ނިމިދިޔަ ސަރުކާރުގައި މުޅި މާލެ ސީސީޓީވީ ކެމެރާތަކުން ގުޅާލެވިފައި ވާނެކަމަށް ވަނީ ބުނެފައެވެ.



