ފެނަކައިން ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި ރޭ އިފްތިތާހުކޮށްފިއެވެ. މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެއެއްގައި ސްމާޓް މީޓަރު ހަރުކޮށް ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ.
މި ރަސްމިއްޔާތުގައި މީޓަރު ބޭނުންކުރުމަށް ޚާއްސަ އެޕެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކާއި ވިޔަފާރި ތަންތަނުގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށެވެ.
ސްމާޓް މީޓަރުން ދުވަހަކު ބޭނުންކުރެވޭ ކަރަންޓުގެ މިންވަރާއި ގަޑިއިރަކަށް ބޭނުންކުރެވޭ މިންވަރު އެނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އަންނަ އަހަރު ތެރޭގައި ސްމާޓް މީޓަރު ހަރުކުރަން ފަށާނެ ކަމަށެވެ.
ކުޑަހުވަދޫގައި ހަރުކުރި މީޓަރުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގެ މީޓަރުތަކެއް ކަމަށާއި، ސްމާޓް މީޓަރުގެ ސަބަބުން ކަރަންޓު ބިލު ބޮޑުތަން ކުޑަވާނެކަމަށް ފެނަކައިން ބުނެފައިވެއެވެ. މި މަޝްރޫޢަކީ ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކައިން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކުޑަހުވަދޫގައި ފެށި މި މަޝްރޫޢާއި ގުޅިގެން ކުރިން ފެނަކައިން ބުނެފައިވަނީ، ސްމާޓް މީޓަރު އެރަށުގައި ބަހައްޓަނީ އަޖުމަ ބެލުމުގެ ގޮތުންނެވެ. އަދި މިކަން ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ހުރިހާ ރަށަކަށް ސްމާޓް މީޓަރު ފޯރުކޮށްދެވޭނެ ކަމަށް އޭރުގެ ސަރުކާރުން ބުނެފައި ވެއެވެ.



