ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި 50،000 ރުފިޔާ ދެއްވާ ކަމުގެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، އިންސާނިއްޔަތުކަން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި މިފަދަ ތުހުމަތުތަކަކީ ރައީސް މުޢިއްޒުގެ އަގު ވައްޓާލުމަށް ބަޔަކު ކުރާ މަސައްކަތްތަކެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
"ރައީސް މުއިއްޒަކީ ރިޝްވަތު ދީގެން މެމްބަރުން ހައްލަން އުޅުއްވާ ބޭފުޅެއް ނޫން. އެއަށް ވުރެ ރައްޔިތުންގެ މާ އިތުބާރު އެބައޮތް. އިތުބާރު އޮންނާތީވެ 90 އެތައް މެމްބަރުންގެ ތެރެއިން 75 މެމްބަރުން ރައީސް މުއިއްޒަށް ހޮވާދެއްވާފައި އެތިބީ. އެހެންވީމަ އެބޭފުޅުން ވަކި ގޮތަކަށް ގެންގުޅެން ލާރިއެއް ދޭކަށް ނުޖެހޭނެތާ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމަނުކުފާނު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީނާ ޚިލާފަށް، ރައީސް މުޢިއްޒު މެންބަރުން ގޮވައިގެން މުލިޔާގޭގައި މަސައްކަތް ނުކުރައްވާނެ ކަމަށާއި މިކަމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ފެންނަމުންދާ ހެޔޮ ބަދަލެކެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒު، ކުރީގެ ރައީސް ޔާމީނާ ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ ކަމަށާއި އެމަނިކުފާނު ކޮންމެ މީހަކާ ވެސް މުޚާޠަބުކުރައްވައި، ވާހަކަފުޅު ދައްކަވައި، އަދި އަމަލުފުޅުތައް ބަހައްޓަވަނީ އިންސާނިއްޔަތުކަމުގެ އަގު ވަޒަންކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިއީ ކުރީގެ ރައީސް ޔާމީނުގެ ކިބައިން ފެނިވަޑައިނުގަންނަވާ ސިފައެއް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މީހަކަށް ދަތި އުނދަގޫ ކަމެއް ދިމާވުމުން އެހީތެރިވެވަޑައިގަތުމާއި، މީސްތަކުންނަށް އަޅާލެއްވުމާއި އޯގާތެރިވެވަޑައިގަތުމަކީ ރައީސް މުޢިއްޒުގެ ދާއިމީ ސިފަފުޅެއް ކަމަށެވެ. ނަމަވެސް، މިއަދު ވެރިކަމަށް ވަޑައިގެން ހުރިހާ އުސޫލުތަކެއް ދޫކޮށްލައްވައި ފައިސާ ބައްސަވަން ފަށްޓަވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއްވި ނަމަވެސް، އެއީ ޙަޤީޤަތާ ޚިލާފު ވިސްނުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



