ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންގޮސް ނިންމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ހުއްޓިފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
ހީނާ ވިދާޅުވީ ވެލި އެޅުން ހުއްޓިފައި އޮތުމަކީ މަޝްރޫޢު ހުއްޓިފައި އޮތުން ނޫން ކަމަށާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި ޑިޒައިނިންގެ އިތުރުންވެސް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރިއަށްދާކަމަށެވެ. އަދި ރައީސް މުޢިއްޒު ވިދާޅުވި ތާރީޚަށް މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ހީނާ ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށްފަހު "ރަސްމާލެ"ގެ ގޮތުގައި އެތަން ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، ރައީސް ވިދާޅުވެފައިވަނީ އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ތިންގުނަ ބޮޑު ސަރަޙައްދެއް ކަމަށެވެ.
ރަސްމާލެ މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސައްކަތް ފަށާ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި، 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.
ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.



