"ފިނިފެންމާ" ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާއަކީ ޔާމީން ކުޅުނު ޑްރާމާއެއް ކަމަށް ސިފަކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީނަކީ ދެފަހަރު އެއްގޮތަަކަށް ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާ، އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަތަކާއި މިހާރުގެ ވާހަކަތައް މުޅިން ތަފާތު ވެއްޖެ ކަމަށެވެ. އަދި މިހާރު ޔާމީނުގެ ވާޙަކަތަކުގައި އިތުރުފުޅު ހައްދަވާކަން ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ޔާމީން މިހާރު ގާތްކުރަމުންދަނީ ކުރިން އޭނާއަށް އަނިޔާދިން ކަމަށް ބުނާ މީހުންނެވެ.
" ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް މިހާރު ހަމަ ދަންނަވަން ކެރިދާނެ، ފިނިފެންމާ ލޯންޗު ގޮވުން މިއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާއޭ. އެހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ. އަޅުގަނޑުމެން އެންމެންގެ ގާތު ޔާމީން ވިދާޅުވީ ލޯންޗު ގޮއްވާލީމާ ތިމަންނައަށް ބޭރަށް ނިކުމެވުނީމާ ބޮޑު ފަލަމާދިމާލަށް ބަލާލިއިރު އެތާ ހުއްޓޭ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް. ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ." ޔާމީންއާއި ބެހޭގޮތުން ވާހަކަދައްކަވަމުން، އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސް ޔާމީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެހެން ފަރާތަކުން ވެރިކަމުގެ ތަޚުތު ހޯދުމެވެ. މީގެ އިތުރުން، ޔާމީނަކީ ބޮޑާވެ ކިބުރުވެރިވެފައިވާ ޝަޚްޞިއްޔަތެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވިއެވެ. އަދި ވިދާޅުވި ގޮތުގައި، ޔާމީންގެ މިހާރުގެ ބަސްމަގާއި، އޭނާއާ ގާތްކުރާ ފަރާތްތަކުގެ އަސްލު ނިޔަތް ދިވެހި ރައްޔިތުންނަށް މިހާރު އެނގި، ޔާމީންގެ ހަގީގީ ސިފަ ރައްޔިތުންނަށް ހާމަވެއްޖެއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަލުން ފާތުމަތު އަޙްމަދު ދީދީ ޙައްޖުގެ އަޅުކަން އަދާކުރައްވައި އެނބުރި މާލެ ވަޑައިގަތުމަށް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗަށް އަމާޒުކޮށް އައި.އީ.ޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ގޮއްވާލައިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުންނާއި، އަމިއްލަ ސެކްރެޓަރީގެ އިތުރުން ހަށިފާރަވެރިއަކަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވެއެވެ.



