ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އަޙްމަދު އަދީބާ ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ ތުހުމަތަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ބާނީ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރައިވެޓް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަކީ އަދީބު އެންމެ ރުޅިއަންނަ އެއް ބޭފުޅާ ކަމަށާއި، ދެބޭފުޅުންގެ ދެމެދުގައި އެއްވެސް ޚާއްޞަ ގުޅުމެއް ނެތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދީބާ ބައްދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދީބަކީ ހިޔާނާތުގެ ތުހުމަތުގައި ހުކުމް ކުރެވި، މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވާ މިނިވަން ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
"އަހުމަދު އަދީބާއި، ޑރ. މުހައްމަދު މުއިއްޒާއި ދެމެދު ގާތް ގުޅުމެއް ނެތް… އެއީ އެކުގައި ވިޔަފާރި ކުރައްވާ ދެބޭފުޅުންނެއް ނޫން.. ނޫނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން، އެއްވެސް ހައިސިއްޔަތަކުން.. އެހެންވީމަ ރައީސް މުއިއްޒު އަދީބާއި ބައްދަލު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ، އެހެންވީމަ އެއީ ކަނޑައެޅިގެން ދޮގު.. ޔާމީން އެ ހަދަނީ ހަމަ ދޮގު".
މީގެއިތުރުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މިޒާޖަށް ބަދަލު އައިސްފައިވާ ކަމަށާއި، މިހާރު އެމަނިކުފާނު ހަމަޖެހޭ ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަތަކެއް ފެތުރުއްވަމުން ގެންދަވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުންނަށް ހަގީގަތް އެނގޭނެކަމަށް އަބްދުއްރަހީމް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.



