ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ވަރަށް "ސްމާޓް" އަދި ޤާބިލު ބޭފުޅެއްގެ ގޮތުގައި ޤަބޫލުކުރެވުނު ނަމަވެސް، މިހާރު އެއީ "ތަންދޮރު ނުދަންނަ" ބޭފުޅެއްކަން ޔަޤީންވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދިން އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޙައްމަދު މުއިއްޒު ކޮމްޕްރޮމައިޒް ވާން ނުޖެހެއެވެ. އަދި ކެބިނެޓް ވަޒީރުން ތެޅިފޮޅި ބަދަލުކުރަން ނުޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރުގެ ކެބިނެޓް މެންބަރުން ހޮވާފައިވަނީ ރައީސްގެ އިތުބާރާއި އެކުގައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅަމުންދާކަމަށެވެ. މިގޮތުން، ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒަށް ފިޔަވަޅު އެޅުއްވިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. "ޔާމީން ކަންތައް ކުރެއްވި ގޮތަކަށް ހުރިހާ ރައީސުން ކަންކަން ކުރަން ނުޖެހޭ. ޔާމީން ސަރުކާރުގައި ތިން ނައިބު ރައީސުން، ތިން ޑިފެންސް މިނިސްޓަރުން. މިހެން ގޮސް ބަދަލު ގެނައި އަދަދެއް ނޭނގޭ. އެއީކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން" އަބްދުއްރަޙީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގައި ރައީސް ޔާމީނަކީ ވަރަށް ހުނަރުވެރި ބޭފުޅެއްކަމަށް ޤަބޫލުކުރެވުނެވެ. ނަމަވެސް، މިހާރުގެ ޙާލަތަށް ކަންތައްތައް ވެއްޓިފައިވާ ގޮތުން، އެމަނިކުފާނަކީ އެއްވެސް ކަމެއްގެ މަޢުލޫމާތު ނެތް ބޭފުޅެއްކަން ހާމަވެއެވެ.
މީގެއިތުރުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އެންމެ ދަތިވަނީ އެހެން ފަރާތެއް ވެރިކަމުގައި ހުރުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ ކިބައިން ފެންނަމުންދާ ބޮޑާކަމާއި ނުރައްކާތެރި ސިފަތަކުން މިއަދު ހައިރާންވެ ކަންބޮޑުވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



