ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް، 21 ޖޫން 2022 ދުވަހު ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ ޝޭޚުންނާއި ދެކޮޅަށް ޝަރީޢަތް ފަށައިފިއެވެ.
ޓެރަރިޒަމަށް ހިތްވަރު ދިންކަމުގެ ކުށުގައި މިއަދު ޝަރީޢަތަށް ހާޒިރުކުރި ދެ ޝެއިޚުންނަކީ؛
- ފަޟްލޫން މުހައްމަދު، ނާޒް، ށ.މިލަންދޫ، 33 އަހަރު އާއި
- އާދަމް ނިޝާން، ލ.މާމެންދޫ، ސޯސަންވިލާ. 38 އަހަރު
މިއަދު ކުރިމިނަލް ކޯޓުގައި އޮތް ފުރަތަމަ އަޑުއެހުމުގައި އޮތީ ދައުވާ ސާފުކޮށްދިނުމެވެ. ދައުލަތުން އިއްވާފައިވަނީ ދެ ޝެއިޚުންގެ މައްޗަށް ވެސް ޓެރަރިޒަމް އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
މިއަދުގެ ޝަރީއަތަށް ދެ ޝެއިޚުންގެ ވަކީލުންވެސް ހާޒިރެއް ނުވެއެވެ. ޝެއިޚް ފަޒްލޫން އަދި ނިޝާން ވިދާޅުވީ ކުރިއަށް ދާން ބޭނުންވަނީ ވަކީލާ އެކުކަމަށެވެ. މިކަމަށް ދައުލަތުން އިއުތިރާޒު ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދެން އަންނަ އަޑުއެހުމަކަށް ވަކީލުން ހާޒިރު ކުރުމަށް ގާޒީ އެންގެވި އެވެ.
ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.



