އެމްޑީޕީގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ވޯޓު ދިނީ، އެމަނިކުފާނަކީ ތާރީޚުގައި ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ޠާހިރު ބޭފުޅަކަށް ވީމައެވެ. ތަޢުލީމީ ޤާބިލް ޑޮކްޓަރަކަށް ވީމައެވެ. ސިނަމާލެ ބުރިޖު އެމަނިކުފަނުގެ މޭސްތިރިކަމުގައި ނިންމާލަދީ ރައްޔިތުންނަށް އެމަނިކުފާނަކީ ކަންތައްތައް ބާރު ސްޕީޑުގައި ކުރައްވާނެ ބޭފުޅެއްކަން ސާބިތު ކޮށްދެއްވާފައި ހުރީމައެވެ.
އެދުވަހު ރައްޔިތުން ދެއްވި ވޯޓަށް 9 މަސް ވެއްޖެއެވެ. ހީކުރި ގޮތަށް ގައުމު ބަދަލުވެއްޖެއެވެ. އިޞްލާޙަކަށްފަހު އިޞްލާޙެއް ތަންފީޒުވާތަން އެބަފެނެއެވެ. މި ކާމިޔާބީތަކުގެ ސްޕީޑަކީ ރައީސް ޑރ.މުއިއްޒުއަށް ދިވެހި ރައްޔިތުންގެ ފަރާތުން ހައްގު ސެލިއުޓެއް ލިބިވަޑައިގެންފައިވާ ކަންކަމެވެ.
އިސްތިޤްލާލާއި ޝަރުޢީ ނަޒާޙަތްތެރިކަން އަލުން ހޯދައިދިނުން
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އެޅުއްވި އެއް ފިޔަވަޅަކީ، އަޅުގަނޑުމެންގެ ޤައުމީ އިސްތިޤްލާލު އަލުން ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމެވެ. ހަމައެއާއެކު، ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޝަރުޢީ ދާއިރާއިން ކަނޑުވާލައި، ހުރިހާ ރައްޔިތުންނަށްވެސް އިންސާފުވެރި، މިނިވަން ޤާނޫނީ ނިޒާމެއް ކަށަވަރުކޮށްދިނެވެ.

އިޤްތިޞާދީ ލަނޑުދަނޑި: ކުއްލި ބަދަލުވުން
ރައީސް ޑރ.މުއިއްޒުގެ ލީޑަޝިޕްގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) 100 ޕަސެންޓް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށްލެއްވީ ކުއްލިއަކަށެވެ. މުހިންމު ގައުމީ މުދަލެއްގެ މައްޗަށް ކޮންޓްރޯލް ހޯދައިދިނެވެ. މަސްތަކެއްގެ ތެރޭގައި ސަރުކާރުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކުރިއިރު، އެއީ ވެރިކަމާއި ޙަވާލުވިއިރު އެންމެ 2މިލިއަން ޑޮލަރު ހުރި ފަންޑެވެ. މި ފާހަގަކޮށްލެވޭ ބަދަލަކީ މާލީ ހަމަޖެހުމާއި ކުރިއެރުމަށް ސަރުކާރުންކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ.
ރައީސް ޑރ.މުއިއްޒު ވަނީ ރައްޔިތުންނަށް މާލީ ބުރަތައް ލުއިކޮށްދިނުމަށް އަވަސް އަދި އަސަރުގަދަ ނިންމުންތަކެއް ނިންމަވާފައެވެ. ފުލެޓުގެ ކުލި ނުދެއްކިގެން ހާލުގައި އެތައް ބަޔަކު އުޅެނިކޮށް އެމަނިކުފާނު ވަނީ އަސާސީ ހައުސިން ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޖޫރިމަނާތަކަށް ލުއި ދީ، އަދި ކުރީގެ ވެރިކަމުން މަސްވެރިންނަށް ނުދީ ހުރި ދަރަނި ވެސް އަދާކުރުމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅައިދެއްވާފައެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން މިޖެހެނީ މިސަބަބާ ހެދިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙަތަށް އައި ބަދަލު
އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިޖްތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއަށް ބޮޑެރތި ބަދަލުތަކެއް ގެނެސްފައެވެ. ކުރީގެ ސަރުކާރުން އިހުމާލުވެފައިވާ ފަގީރުންނާއި މުސްކުޅިންނަށް އެންމެ ފަހުން ސަރުކާރުގެ އެހީތެރިކަމާއެކު ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ލިބުނެވެ- މިއީ ސަތޭކަ ޕަސަންޓު މުސްލިމު ޤައުމަކަށްވެފައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މިހާބޮޑު އަޅާލުމެއް ދީފައިވާ ކަމެއް ނޫނެވެ. އެކަމަކު މިރައީސް ތަފާތެވެ. ވެރިކަމަށް އަދި އެންމެ 9 މަހެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން މިޖެހެނީ މިސަބަބާއިހެދިއެވެ.
ސަރުކާރުން ވަނީ ތެލެސީމިއާ ފަރުވާ ފުޅާކޮށް، ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ލިބޭނެ ގޮތް ހަދައިދީފަ އެވެ. މެޑިކަލް ޗެކްއަޕްތަކާއި ދަރިމައިވުމުގެ ފަރުވާ ދޭ އާސަންދަ ޕްރޮގްރާމަކީ މީގެކުރިން ނުދިން، ނަމަވެސް މިސަރުކާރު އައިސް ހަލުވިކަމާއެކު ފެށި އަނެއް މުހިއްމު މަސައްކަތެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން މިޖެހެނީ މިސަބަބާއިހެދިއެވެ.

ގައުމީ ސަލާމަތާއި އާންމު ރައްކާތެރިކަން: އަވަސް ފިޔަވަޅުތަކެއް
ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކޮށް، ރައްޔިތުން ހިމާޔަތް ކުރުމަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އެމްއެންޑީއެފްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްދީފައެވެ. މީގެއިތުރުން، ބިދޭސީ މީހުން ރާއްޖޭގެ ޤާނޫނުތައް މުގުރައި ދިވެހިންގެ މައްޗަށް ކޮންޓުރޯލް ނަގަމުން ދިޔުމުން އަޅުގަނޑުމެންގެ ވަސީލަތްތައް ހިމާޔަތްކޮށް، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ޤަވާޢިދާ ޚިލާފަށް އުޅުނު 2000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލީވެސް މި ނިމިގެންދިޔަ 9މަސްތެރޭގައެވެ. މި ބިދޭސީންގެ މައްސަލައަކީ ޒަމާޏުއްސުރެ ރާއްޖެއިން ހައްލަކާއި ގާތަކަށްވެސް ދިޔަމައްލައެއް ނޫނެވެ.
ބަރަހަނާ ވެބްސައިޓްތަކާއި ޖވާ އެޕްލިކޭޝަންތަކަށް ވަދެވޭނެ ގޮތް ވެސް ސަރުކާރުން ހުއްޓުވައި، ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމްކުރި އެވެ. މިއީ މިއިން ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އެޅި ފިޔަވަޅެއް ނޫނެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. ޖުވާކުޅުމާއި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ބަލައި ފާޙިޝް ކަންތައްތަކަށް އާނބަސް ބުނާ ނަޔަކު ކަމުގައި ވެގެން ނުވާނެވެ. ރައީސް މުއިއްޒުއަށް އަޅުގަނޑުމެން ސެލިއުތް ނަގަން މިޖެހެނީ މިސަބަބާއި ހެދިއެވެ.

އިންފްރާސްޓްރަކްޗަރ އަދި އިޤްތިޞާދު ރެކޯޑް ސްޕީޑުގައި
ރައީސް މުއިއްޒުގެ ވެރިކަމަށް އަދި މިވީ އެންމެ 9މަހެވެ. ބުރިބުރިއަށް ޢިމާރާތްތަކާއި ޓަވަރުތައް ހަދަން މިމުއްދަތުގައި ވިދާޅުވެފައި ނެތެވެ. އެހެނެއްކަމަކު ފާއިތުވީ 5 އަހަރުންވެސް ފެނުން މައްޗަށް ނޭރުވުނު ބުރިޖުގެ ބައިތައް ލޮލަށް ފެންނަވަރު ކޮށްލީ މިސަރުކާރު އައިސް މަސައްކަތް ކުރިޔަށް ގެންދަންވީ ގޮތުގެ އިރުޝާދު ދިނުމުން ކަމަށް ރައްޔިތުން އެބުނަނީ ސަބަބެއް ނެތިވެއެއް ނޫނެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާއިރު، ރެކޯޑް މުއްދަތެއްގެ ތެރޭގައި 1 މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ސަރުކާރުގެ ފަތުރުވެރިކަމުގެ ސްޓްރެޓެޖީތަކުގެ ފައިދާ ހުރިކަމުގެ ސާފު ހެކިތަކެކެވެ. ނިމިގެންދިޔަ ސަރުކާރުތަކުން މަތިމައްޗަށް ލޯނުނަގައި މި 5 އަހަރަކީ ދަރަނި ދައްކަން އޮތް 5 އަހަރު ކަމަށްވާއިރު، ކުރުގޮތަކަށް ބުނާނަމަ މިއީ ޙަޤީޤަތުގައިވެސް ކޮންމެ ވެރިޔަކަށްވެސް ކުރިމަތިވާނެ އެންމެ ގޮންޖެހުން ބޮޑު 5 އަހަރެވެ. އެހެނެއްކަމަކު ރައީސް މުޢިއްޒު އެއްވެސް ފައިސާއެއް ޗާޕު ނުކުރައްވައި ފައިސާ އުފައްދާލި ގޮތަކީ ސިޔާސީ އަދި އިޤްތިޞާދީ މާހިރުން ކޮސްކޮށްލި ކަމަކަށް ވެއްޖެއެވެ. ރާއްޖެ ސްރީލަންކާއަށް ވީހެން ބަނޑަށް ޖެހޭނެއޭ ވިދާޅުވި ސިޔާސީ ލީޑަރުންވެސް މިއަދު އެތިބީ ރައީސް މުއިއްޒު އެންމެ 9މަސްތެރޭގައި ރާއްޖޭގެ އިޤްތިޞާދު އަނބުރާލެއްވި ގޮތާއިމެދު ހަމަ ހައިރާންވެ އަންތަރީސް ވެފައެވެ. މިއަދު ރާއްޖެއަކީ މުި ދުނިޔެއަށް ތެޔޮ ވެސް ވިއްކޭނެ ޤައުމަކަށް ހަދައިދީފިއެވެ. މިއީ އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ވާނެ ވިޔަފާރިއެކެވެ. ބޯން ޖެހުނު ހިތިބޭސްވެސް ހުރިތަނުގައި ބަހައްޓާފައި ރާއްޖޭގެ އިޤްތިޞާދުީ ދުވެލި ކުރިއަރައިގެންދާނެ ކަމުގެ ހެކި މުޅި ދުނިޔެއަށް މިދައްކާލީ ދުވާޅުގެ އިރު ފެންނަ ފަދައިންނެވެ. ހަމަ އެންމެ 9މަސް ތެރޭގައެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ކުރަންވީ މިސަބަބާއި ހެދިއެވެ.
ދެން އޮތީ މީޑިއާއެވެ. މީޑިއާގެ ދަތިކަން ހައްލުކުރުމަށް މީޑިއާ ވިލެޖެއް ޤާއިމްކުރުމަކީ ޤައުމުގެ މުވާޞަލާތީ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ލިބުނު އަނެއް މުހިންމު ކާމިޔާބީއެކެވެ. މުވައްޒަފުންނަށް މުސާރަ ނުދެވި މީޑިއާތައް ހުއްޓާލަން ޖެހުމުން އެކަމާއި ހިތާމަފުޅު ކުރައްވައި މީޑިއާތަކަށް އޯގާތެރި އަތެއް ދިއްކޮށްލަދިނީ މިސަރުކާރުގެ 9މަހުގައެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން މިޖެހެނީ މިސަބަބާއި ހެދިއެވެ.

ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުން: މުސްތަޤްބަލަށް އައު ބިންގަލެއް
އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ތަޢާރަފްކޮށް، މާލީ ހުރަސްތަކުގެ ސަބަބުން ތަޢުލީމީ ފުރުޞަތު ގެއްލޭނެ ކަމުގެ ބިރު އޮތް ދަރިވަރުންނަށް އުއްމީދަކާއި ޔަޤީންކަން ދެއްވާފައެވެ. ކިޔެވޭނެ ގޮތްތަކެއް ކަށަވަރުކޮށްދީފަ އެވެ. މީގެއިތުރަށް ދިވެހި ތާރީޚުގައި ފުރަތަމަ ރިޔާސީ ޒުވާނުންގެ ލަފާދޭ ބޯޑު އުފެއްދުމާއި 100 ޚަޠީބުން ތަމްރީނު ކުރުމަކީ އަންނަން އޮތް ޖީލު ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އިތުރު މިސާލެކެވެ. މުއިއްޒުއަށް ސެލިއުޓް ކުރަން މިޖެހެނީ މިސަބަބާއިހެދިއެވެ.
ބޯހިޔާވަހިކަމާއި އިންސާނީ ކާރިސާތަކުން ސަލާމަތްކޮށްދިނުން
ސަރުކާރުގެ ސްކީމްގެ ދަށުން ހުޅުމާލެއިން 624 ގޯތި ދޫކުރުމާއި، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑު ދޫކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި ވައުދުތައް ފުއްދަމުންދާ ކަމުގެ ހަލުވި މިސާލުތަކެކެވެ. މީގެއިތުރުން ރާއްޖެއަށް ފާއިތުވެގެންދިޔަ ހުރިހާ ވެރިކަމެއްގައިވެސް ހައްލު ނުކުރެވުނު އިންސާނީ ކާރިސާއަކަށް އޮތީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކެވެ. ޒުވާނުން ކުށަށް އަރައިގަންނަނީ ފަހަރެއްގައިވެސް ކުށްކުރާކަށް ނޫނެވެ. ފައިސާ ލިބޭނެ ގޮތެއް ނެތިގެންނެވެ. އެހެންކަމުން މިސަރުކާރުން ވަޒީފާތައް އުފެއްދުމާއި، އަދި ކުށަށް ހުށަހެޅޭ މީހުން އިޞްލާޙް ކޮށް ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ކުރާ މަސައްކަތަކީ މިއަދު ހުރިހާ މައިންބަފައިން ބަލައިގެންފި ކަންތަކެވެ. ކުށްކުރާ 12 އަހަރުގެ ކުއްޖާއަށްވެސް އެކުއްޖާ ހަލާކުވެގެން ދިޔުމުގެ ކުރިން އިޞްލާޙު ކުރުމަށްޓަކައި ކައުންސިލުންދީގެން އަލުން ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި މިސަރުކާރުން އެކުރައްވާ ބުރަ މަސައްކަތްތައް ގުނާ ޢަދަދެއް ނުކުރެވޭނެއެވެ. ހަމަ އެންމެ 9މަސް ތެރޭގައެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން މިޖެހެނީ މިސަބަބާއިހެދިއެވެ.
މާލީ ޒިންމާއާއި ވަޒީފާގެ ރަނގަޅުކަން: އާ މިންގަނޑުތައް ކަނޑައެޅުން
އަބަދުވެސް ރައްޔިތުން ދައްކަނީ ސަރުކާރުތަކުގެ ޚަރަދު ބޮޑު ވާހަކައެވެ. ނަމަވެސް މިސަރުކާރު އައީމާ އެކަންވެސް މުޅިން ތަފާތު ވެއްޖެއެވެ. އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ސަރުކާރުގެ ރިކަރެންޓް ޚަރަދު ކުޑަކޮށް، ބަޖެޓް ޑެފިސިޓް 59 ޕަސެންޓް ކުޑަކޮށްފައެވެ. މީގެ އިތުރުން، ކުރީގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ 45 ޕަސެންޓް ވަނީ ދައްކާފައެވެ. މިއީ މާލީ ޒިންމާއާއި ފައިދާހުރި ވެރިކަމެއްގެ ސާފު ދައްކުވައިދިނުމެކެވެ. މިސަރުކާރުން ލޯނުތައް ނުދެއްކޭނެއޭ ބަނޑަށޭ ޖެހޭނީ އޭ ބުނިއިރު، 9މަސްތެރޭ ސަރުކާރުން މިވަނީ ރާއްޖެ ބަނޑަށް ޖެހިޔަނުދީ އަދި ކުރީ ސަރުކާރުގެ ލޯނުވެސް ދައްކައިދީފައެވެ. އަދިވެސް ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް ޗާޕެއް ނުކުރެއެވެ. ރައީސް މުއިއްޒުއަށް ސެލިއުޓް ނަގަން ޖެހެނީ މިސަބަބާއި ހެދިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ނުވަ މަސް މިފެނުނީ ދިވެހިރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބާރު ސްޕީޑެކެވެ. އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ، ފާގަތި މުސްތަޤްބަލެއްގެ ބިންގާ އަޅައިދިން 9މަހެވެ. މިހާ ގިނަ ކަންތަކެއް އެންމެ 9މަސްތެރޭގައި ކާމިޔާބުކަމާއެކު ކޮށްލެވޭނީ ހަމަ ޔަޤީނުންވެސް ވަރަށް ޤާބިލް ވީމައެވެ. ރައީސް ޑރ،މުޙައްމަދު މުޢިއްޒުއަށް ސެލިއުޓް ނަގަން ޖެހެނީ މިސަބަބާއި ހެދިއެވެ.
ވީޑިއޯ ރިޕޯޓުގެ ލިންކު - https://shorturl.at/cB1ir



