އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މިހާތަނަށް އެ ވުޒާރާގެ ދަށުން ހިންގަމުން އައި 'ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު' މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ބަދަލާ ގުޅިގެން، މަރުކަޒު ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ކ. ގުރައިދޫގައި ޤާއިމުކޮށްފައިވާ މި މަރުކަޒުގައި މިވަގުތު 219 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 31 މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވުޒާއިން މައުލޫމާތު ދެއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި މަރުކަޒުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ފަރުވާގެ ނިޒާމަށާއި މަރުކަޒުގެ އިންފްރާސްޓްރަކްޗަރ އަށް ބަދަލުތަކެއް ގެނެވިފައިވެއެވެ.
މި ބަދަލުތަކާ ގުޅިގެން، މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 ފަރާތެއް ވަނީ އަނބުރާ އާއިލާއާ ހަވާލުކުރެވިފައެވެ. މިއީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް، ފަރުވާ ލިބިގަންނަ ފަރާތްތައް އަލުން މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ ވުޒާރާއިން ފާހަގަ ކުރެއެވެ.



