ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމަށް އަޅާ ފިޔަވަޅެކެވެ.
މި މަސައްކަތުގެ ތެރެއިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓުން ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާ ކަން އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ އިދާރާތަކުގެ މިހާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫމާތު ހޯދައި، އައު ބިލުގެ ޑްރާފްޓާމެދު އެ އިދާރާތަކުގެ ޚިޔާލު ހޯދުމެވެ.
މި އައު އިސްލާހުގެ ސަބަބުން، މުސްކުޅި ކުރެވިފައިވާ އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް އިތުރު 10 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުނަރު ދައުލަތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި މި ބިލު އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންކަން ދާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެއެވެ.



