ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސްޓެމް ދާއިރާ ފުޅާކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށާއި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށް ކަމަށެވެ.
މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އަދި، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ވިދާޅުވިއެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށާއި، އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މީގެ އިތުރުން ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެދިވަޑައިގެންފައެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފައެވެ. މީގެ އިތުރުންވެސް ޝަރަފުގެ އެވޯރޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި 2 ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.
ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެއެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.



