ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްފިއެވެ. އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ހިންގާފައެވެ.

މި އިންސްޕެކްޝަނުގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ 3 އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އަދި އެފަރާތްތަކާމެދު ތަޙުޤީޤު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

 މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.